Preserving Maldivian Heritage: The Watercolor & Pen Artistry of Mai Jameel

BLOG

މާއީ ޖަމީލް : ފެންކުލައާއި ގަލަމުދެލިން ކިޔައިދޭ ދިވެހި ތަރިކައިގެ ވާހަކަ

މީގެ އެތައްހާސް އަހަރެއްކުރިން މިރާއްޖޭގައި މީހުން ވަޒަންވެރިވީއްސުރެ މިއަދާ ޖެހެންދެން އަހަރެމެން އުޅެމުން މިއައީ ބޯކެޔޮ މުޑިއާއި ފަނާއި ފަންތޮށީގައެވެ. ހިރިގަލާއި ރުއްވަކަރުގައެވެ. އުވަޔާއި ސިމެންތި ޓިނުގައެވެ. ދަގަނޑާއި ކޮންކްރީޓުގައެވެ. މިއިން ކޮންމެ ޒަމާނަކީ އެތައްހާސް ވާހަކައެކެވެ. މީގެތެރެއިން ގިނަ ވާހަކަތަކަކީ މިހާރު ލޯމަތިން ގެއްލިގޮސް، ތުންތުންމަތިން ކިޔައިދީ ދޭހަކޮށްދޭން އުނދަގޫ ވާހަކަތަކެކެވެ. ރާއްޖޭގެ ތަޖުރިބާކާރު އާކިޓެކްޓެއް ކަމަށްވާ މައުރޫފް ޖަމީލް (މާއީ) އޭނާގެ އެންމެ މުހިންމު މަސައްކަތް ކަމަށް ދެކިގެން ކިޔައިމިދެނީ އެވާހަކަ ތަކުން މިންވަރެކެވެ. މާއީ މިވާހަކަތައް ކިޔައިދޭން ގެންގުޅެނީ ގަލަމާއި ފެންކުލައެވެ.

ޑްރާފްޓް ކުރެހުންތެރިއަކުން އާކިޓެކްޗާގެ މޭސްތިރިއަކަށް

ދިވެހި އިމާރާތްކުރުމާއި ތަރިކައިގެ ގިނަ ދިރާސާތަކެއް ކޮށް، ޔުނެސްކޯ ފަދަ ބޭރުގެ ބޮޑެތި ޗާޓުތަކުގައި ރާއްޖޭގެ ވާހަކަ ކިޔައިދިނެވެ. ހިރިގަލު މިސްކިތްތަކާއި، އޮޑިދޯނިފަހަރު ބަނުމާއި، 55 އަހަރުވީ ފަތުރުވެރިކަމުގެ އުމްރާނީ މުޅި ތާރީހު ކުރަހައިގެން ކިޔައިދިނެވެ. މިހުރިހާކަމެއް ހިނގުމުގެ މާކުރިން، މާއީ އަކީ ކުރެހުން ނޫން އެއްވެސް ދާއިރާއެއް ބޭނުންނުވެހުރި ޒުވާނެކެވެ.

ކުރަހަން ނޫޅޭ އިރެއް ހަނދާނުގައިވެސް ނެތެވެ. ނަމަވެސް ސްކޫލު ނިމުނު އިރު، އާޓަކީ ކިޔަވައިގެން ކުރިއަށްދެވެން އޮތް މަގެއްގެ ގޮތުގައި އޭރު ފެންނާކަށްނެތެވެ. ބޮންޑެއް އޮތުމުގެ ސަބަބުން ޖެހުނީ ސަރުކާރަށް ހިދުމަތްކުރާށެވެ. ކަންދިމާކުރި ގޮތުން ވަދެވުނީ މަސްވެރިކަމާބެހޭ މިނިސްޓްރީއަށެވެ. އެތަނުން މައިޒާން ހަސަން މަނިކުފަދަ ކުރެހުމުގެ ޝައުގުވެރިކަން ހުރި މީހުންގެ ބެލުމުގެ ދަށުން ދިވެހި ކަނޑުގެ ދިރުންތައް ކުރަހައި އަރުޝީފުކުރުމުގެ ފުރުސަތު ލިބުނެވެ.

މާއީގެ ހުނަރާއި ޝައުގުވެރިކަން ފެނި، ސަރުކާރުން އުފައްދަންއުޅުނު އާކިޓެކްޗާ ސެކްޝަނަށް ދިޔުމަށް އޭނާގެ އިސްކޮށް އެވަގުތު މަސައްކަތްކުރި ހަސަނިކު އޭނާ ގާތު ބުންޏެވެ. އަދި އެއީ ކުރެހުމާ އެންމެ ކައިރިން ކުރިއަށްދެވެން އޮތް ދާއިރާ ކަމަށާއި، އިތުރަށް ކިޔަވަންވެސް ފުރުސަތު ލިބޭނެކަމަށް ބުނުމުން މާއީ ނިންމީ އެ ސެކްޝަނާ ގުޅި އާކިޓެކްޗާގެ ތެރެއަށް ވަންނާށެވެ. ސެކްޝަނަށް ބަދަލުވެ ޓެކްނިކަލް ކުރެހުންތައް ކުރުހާ ޑްރާފްޓްސްމަނެއްގެ ގޮތުގައި 4 އަހަރު މާއީ މަސައްކަތްކުރިއެވެ.

ކުރެހުމަށް އޮތް ލޯބީގެ ތެރެއިން އާކިޓެކްޗާއަށްވެސް ބޮޑު ލޯތްބެއް އުފެދުނެވެ.

އެހިސާބުންފެށިގެން މިދިޔަ އަހަރު ރިޓަޔާ ކުރުމާ ހަމަޔަށް އެކިއެކި ދިމަދިމާއިން ބޮޑެތި މަސައްކަތްތަކެއް ކުރިއެވެ. އިސް މަގާމުތަކެއް ފުރުއްވިއެވެ. ޤައުމީ އިނާމުވެސް ހާސިލްކުރިއެވެ. ނަމަވެސް އަދިވެސް ކުރެހުން ދޫކޮށްނުލައެވެ. ގިނަ އަހަރުތަކަކުން ލިބުނު އިލްމާއި ތަޖުރިބާ އަދި ދަސްކޮށް ފަރިތަކުރަމުންދިޔަ ހުނަރުގެ ތެރެއިން ދިވެހި ރާއްޖޭގެ އިމާރާތްކުރުމާއި ވަޑާމުގެ ތާރީހު، ގަލަމާއި ފެންކުލައިން ކަރުދާހަށް ތިލަކުރަން ފެށިއެވެ.

1.0: މާއީގެ ނޯޓުފޮތުން ބައެއް ކުރެހުންތައް

’ހަނދާނުން ކުރެހުމާއި‘ ގެއްލުނު ތާރީހު އަނބުރާ ކުލަކުރުން

ތާރީހު ދިރާސާ ކުރުމުގައި ގެންގުޅޭ އުކުޅުތައް މާއީ ބޮޑަށް ދަސްކުރީ މީގެ ފަނަރަ އަހަރު ކުރިން ކުއަލަލަމްޕޫރުގެ ޔުނިވަސިޓީ މެލާޔާގައި ކިޔަވަމުން މަސައްކަތްކުރިއިރުއެވެ. އިމާރާތްފަދަ ތަންތަން ސިފަކުރުމަށްޓަކައި މައުލޫމާތު އެއްކުރުމުގެ އެކި އުކުޅުތައް އެދުވަސްވަރު ދަސްކުރިއެވެ. އޭގެތެރެއިން މައިގަނޑު ގޮތެއްގައި ބޭނުންކުރި ދެ އުކުޅެއް މާއީ ކިޔައިދިނެވެ.

1. އިންޓަވިއު ކުރަމުން ކުރެހުން

ފުރަތަމަ އުކުޅަކީ މީހުންނާ އިންޓަވިއު ކުރަމުންދާ ވަގުތު ކުރަހަމުން ގެންދިއުމެވެ. އިންޓަވިއު ދޭ މީހާ ކިޔައިދޭ މިންތަކާއި ގޮތްތަށް ކަރުދާހަށް ގެންނަމުން، އޭނާއަށް ދައްކައި ގެންނަންޖެހޭ އިސްލާހުތަކާއި ބަދަލުތައް ގެންނަމުން ދިއުމެވެ.

އޭގެ މިސާލެއްގެ ގޮތުން އެންމެ ފަހުން ބޭއްވި ރިސޯޓު ކުރެހުމުގެ މައުރަޒުގައި ބެހެއްޓި ވަށްބިންފަރުގެ ވާހަކަ މާއީ ކިޔައިދިނެވެ. ވަށްބިންފަރުގައި އެންމެ ފުރަތަމަ ހުރި ވަށް ކޮޓަރިތަކަކީ މިހާރު ވުޖޫދުން ފުހެވިގޮސްފައިވާ ތަންތަނެވެ. އެހެންކަމުން އެތަންތަން އިމާރާތްކުރި މީހުން ހޯދައި އެމީހުންނާ އިންޓަވިއުކޮށް، އެމީހުން ދެމުންދިޔަ މައުލޫމާތަށް ބިނާކޮށް ފަހަރަކު މީހެއްގެ ވާހަކައިން ކުރުހަމުން، ދައްކަމުން، އިސްލާހުކުރަމުން ގެންގޮސް އަސްލާ އެންމެ ކައިރިކުރާ މިންވަރަށް ކުރެހުން ގެންނަނީއެވެ. ހާއްސަކޮށް ނެތިގޮސްފައިހުރި އިމާރާތްތައް ކުރެހުމަށް މިއުކުޅުގެ ބޭނުން ބޮޑެވެ.

1.3: ފަތުރުވެރިކަމާބެހޭ މައުރަޒުގެ ތަގުރީރެއްގެ ތެރެއިން

2. ފެންނަން ހުރި ތަންތަނަށް ގޮސް މައުލޫމާތު އެއްކުރުން

ދެވަނަ އުކުޅަކީ ފެންނަންހުރި ތަންތަން ކުރެހުމުގައި ގެންގުޅޭ އުކުޅެކެެވެ. އެއީ އެތަނަކަށް ގޮސް ކުރަހާ ކުރެހުންތަކަކާއި، ނަގާ ފޮޓޯތަކުގެ އިތުރުން، ތަނުން ނަގާ މިންތަކުން ނެގޭ 3 ބާވަތުގެ މައުލޫމާތު ސްޓޫޑިއޯއަށް ގެނެސް ކުރެހުމެވެ. މިސާލެއްގެ ގޮތުން ކިޔައިދިނީ މާލޭ ހުކުރު މިސްކިތު މަތިވަޑާންގަނޑުގެ ކުރެހުންތައް ކުރެހި ގޮތެވެ. ހުކުރު މިސްކިތު މަތިވަޑާންގަނޑަކީ އެކިއެކި ބާވަތުގެ ޖާލިތަކާއި ފަރުމާ އަދި ކުރެހުންތައް އެކަތި އަނެކައްޗާ ހުރަސްވާގޮތްގޮތަށް އަތުރާފައިވާ ތަނެއްކަމުން ހަމަ ލޮލަށް އެތަކެތި ރީތިކޮށް ފެނުނަސް، ކުރެހުމަށް ގެނެސްފައިވަނީ އެކި ދިމަދިމާއިން ފޮޓޯ އާއި މިން ނަގައި ވަކިވަކިން ކުރަހައިގެނެވެ.

1.2: މާއީގެ ނޯޓުފޮތުން ބައެއް ކުރެހުންތައް

މާއީ ކުރަހަން ގެންގުޅޭ ސާމާނާއި އަތުލިޔުން

ކުރީގައި ކުރަހާހިތްވާތީ ކުރެހި ކުރެހުމާއި މިހާރު ކުރަހާ ގޮތް ތަފާތެވެ. މިހާރު މާއީގެ ގިނަ ކުރެހުންތަކަކީ އަރުޝީފުކުރުމާއި ފޮތްފޮތުގައި ޝާއިއުކުރުމަށް ބޭނުންކުރަންޖެހޭ ކުރެހުން ކަމަށްވާތީ މިހާރު ގެންގުޅެނީ އާކައިވްކުރެވޭ ޒާތުގެ ސާމާނެވެ. ގަލަމަށް ގެންގުޅެނީ ޔުނީޕިން އާއި ސަކުރާ ޕިގްމެންޓް ގަލަމެވެ. ކަރުދާހަށް ގެންގުޅެނީ އާކައިވްކުރެވޭ ޒާތުގެ ކަރުދާހެވެ. ކުލަޖައްސަނީ ހަމަ އެ ބާވަތުގެ ފެންކުލައިންނެވެ. އެހެން ބާވަތްތަކުގެ ކުލައިގެ ބަދަލުގައި ފެންކުލަ ގެންގުޅެނީ އަވަސްކަމާއެކު ބޭނުންވާ މަންޒަރު ރީތިކޮށް ފެންނާތީއެވެ.

މައުރަޒުތަކާއި ފޮތްތަކުގައި ބޭނުންކޮށްފައި ހުންނަ މާއީގެ ބޯލްޑް، ކެޕިޓަލް އަކުރުތައް ހިމެނޭ އަތުލިޔުމަކީވެސް ހާއްސަ ތާރީހެއް އޮތް އެއްޗެކެވެ. އެއީ ކޮމްޕިއުޓަރުފަދަ ވަސީލަތްތައްނެތް އިރެއްގައި އެންމެ ފުރަތަމަ އާކިޓެކްޗާ ދަސްކުރިއިރު، ސާފުކޮށް ޓެކްނިކަލް ކުރެހުންތަކުގައި ފާހަގަޖެހުމާއި، ލިޔުންތައް ލިޔުމަށް، ފޮޅުވަތް އަޅައިގެން ދަސްކޮށްފައިވާ އަތުލިޔުމުގެ ސްޓައިލެއްކަމަށް މާއީ ކިޔައިދިނެވެ. އަދި މިހާރު އެލިޔުން މައުރަޒުތަކާއި ފޮތްތަކުގައި ގެންގުޅެނީ، ކިއުރޭޓުކޮށްދިނުމުގައި އުޅޭ ބައެއް ޒުވާން އާކިޓެކްޓުންނަށް އެ ލިޔުން މާބޮޑަށް ކަމުގޮސް، އެގޮތަށް އެކަން ކުރަން އެދިގެން ކަމަށް ބުންޏެވެ.

1.3: މައުރަޒުގެ ބައެއް ކުރެހުންތަކުން މާއީގެ އަތުލިޔުން

ސްޓޫޑިއޯގައި ކުރެހުން

މިންތަކާއި ފޮޓޯތަކާއި އިންޓަވިއުތައް ހިމެނޭހެން ހުރިހާ ދިރާސާއެއް ކޮށް ނިމުމުން، އެހުރިހާ މައުލޫމާތަކާއެކު އަސްލު ކުރެހުން ކުރަހަން ފަށަނީ ސްޓޫޑިއޯގައެވެ.

މީގެ ކުރީގައި ކުރެހި އިރު، އެންމެ ފުރަތަމަ އަވަސް ކުރެހުމެއް ކުރަހާލައި، އެކުރެހުން ސްކޭންކޮށް، ވަރަށް ފަނޑުކޮށް ކުރަހާ ގަނޑަށް ޕްރިންޓުކުރަނީއެވެ. ނަމަވެސް އެކަމުގައި އުނދަގޫތަކެއް ދިމާވާތީ މިހާރު އެބައި އުނިކޮށް، ފަންސުރުން ވަރަށް ފަނޑުކޮށް އަވަސް ކުރެހުމެއް ކުރަހާލަނީއެވެ.

އެއަށްފަހު ފެންކުލައިން މައިގަނޑު ކުރެހުން ކުލަކޮށްލަނީއެވެ. ފެންކުލައިގެ ފުރަތަމަ ފަށަލަ ކުރަހާފައި ގަނޑު ހިއްކަން ދެގަޑިއެއްހާއިރު ބާއްވަނީއެވެ.

ގަނޑު ހިކުމުން ގަލަމުން ކުރެހުން ފަވާލަނީއެވެ. އަދި އެއަށްފަހު އަނެއްކާވެސް ފެންކުލައިން ކުލައާއި އަލިކަން ހެޔޮވަރުކޮށްލަނީއެވެ. ބައެއް ކުރެހުމުގައި ފެންކުލައާއި ގަލަމާ ދެމެދު ދެތިން ފަށަލަ ކުރަހަން ޖެހޭކަމަށާއި، އަދި ބައެއް ހާލަތްތަކުގައި އެއްފަހަރާ ދެތިން ކުރެހުން ކުރަހަން ޖެހޭ ކަމަށްވެސް މާއީ ކިޔައިދިނެވެ.

މުޅި ގަނޑުގައި ކުރަހައި ކުލަޖެއްސުމަކީ މާއީ އެހާ ގަޔާވާކަމެއް ނޫނެވެ. އޭނާ އެންމެ ކުރަހާ ހިތްވަނީ ހުސްޖާގަ ބޮޑުކޮށް، މަދު މިންވަރެއްގެ ކުރެހުމުން މުޅި މަންޒަރު ސިފަކޮށްދޭގޮތަށް ކަމަށް ކުރެހުންކަމަށް މާއީ ކިޔައިދިނެވެ.

މުހިންމީ ފަންނުވެރިކަމާއި ބަލާލަން ރީތިވުންތޯ؟ ނުވަތަ އަސްލާ އެއްގޮތްވުންތޯ؟

ތާރީހީ ފަރުމާތަކާއި އާކިޓެކްޗާގެ ގަދީމީ މައުލޫމާތުތައް ކުރެހުމުގެ ސިފައިގައި ގެނެސްދޭއިރު މާއީ ގެންގުޅޭ އެންމެ މުހިންމު ހަމައަކީ ކުރެހުންތައް، އަސްލާ އެއްގޮތްވާންޖެހޭނެކަމެވެ. ޔުނެސްކޯ އަދި ބޭރުގެ އެކިއެކި ކޮންފަރެންސްތަކަށް އިލްމީ ހޯދުންތަކާއި ކުރެހުން ހުށަހަޅާއިރު، އެއީ ސުވާލު އުފެދުމުގެ ޖާގަ އޮވެގެން ނުވާނެ އެއްޗެއްކަމަށް މާއީ ގަބޫލުކުރެއެވެ. އޭނާގެ އެއްވެސް ކުރެހުމަކީ ގޯސް މައުލޫމާތެއްގެ ގޮތުގައި ސިފަ ނުކުރެވޭވަރަށް މާއީ ދިރާސާ ކުރެއެވެ. އަދި ބައެއް ހާލަތްތަކުގައި ތަންކޮޅެއް ބޮޑަށް ކިޔައިދިނުމަށްޓަކައި، އަސްލަށްވުރެ ބޮޑަށް ނުވަތަ އަމިއްލަ ހިޔާލު ހިމަނައިގެން ކުރަހަން ޖެހިއްޖެ ހިނދެއްގައިވެސް، އެއީ އަމިއްލަ ހިޔާލުކަން ސާފު އިބާރާތުން ލިޔެފައި އޮންނާނެކަމަށް މާއީ ކިޔައިދިނެވެ.

1.4: ފަތުރުވެރިކަމުގެ މައުރަޒުގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ / މިހާރު

އެތައް ގަރުނެއްގެ ތާރީހާއި ތަރިކަ ރައްކާކުރުން

މާއީގެ ކުރެހުންތަކާއި ދިރާސާތަކުގެ މައިގަނޑު މަގްސަދަކީ އަހަރެމެން މިހިސާބަށް އައިގޮތް ހަނދާނުންފުހެވި ނުދިޔުމެވެ. ދާދި ފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ 55 އަހަރުދުށް އިމާރާތްކުރުމާއި ވަޑާމުގެ ތާރީހު ދައްކުވައިދޭ ބޮޑު މައުރަޒެއް އިންތިޒާމުކުރި، މާއި ކިޔައިދިނީ ރާއްޖެ ދެކެމުންދާ ބަދަލުތަކުގެ ވާހަކައެވެ. ހޯދަމުންދާ ކާމިޔާބީތަކާއި، އަހަރެމެންގެ ހަނދާނުން ފުހެވެމުންދާ މާޒީއާއި، އަސްލުތަކާއި، ގޮތްތަކަށް، ނަޒަރު ހިންގާލުމުގެ މުހިންމުކަމުގެ ވާހަކައެވެ. މާއީގެ ގަލަމާއި ފެންކުލަތަކުން ކިޔައިދެނީ އަހަރެމެންގެ ވަޑާމާއި، އޮޑިދޯނިފަހަރު ބަނުމާއި، ހިރިގާ ނަގައިގެން އެޅި މިސްކިތްތަކާއި، އުވަ ދަވައިގެން ހެދި ރިސޯޓުތައް ތަރައްގީވެ، މިހިސާބަށް އައި ގޮތުގެ ވާހަކައެވެ.

މާއީ ބުނިގޮތުގައި މުސްތަގުބަލު ބިނާކުރާއިރު، މާޒީއަށްވެސް ފަސްއެނބުރި ބަލައިލަންޖެހެއެވެ.

ޖެހިގެން އިން މަޝްރޫޢު

ކުރިއަށް

World Cup 2026: Storytelling through type
ވޯލްޑްކަޕް 2026: އަކުރުން ވާހަކަ ކިޔާދިނުން

Checkout

Preserving Maldivian Heritage: The Watercolor & Pen Artistry of Mai Jameel

MVR

BML

Account Name: