World Cup 2026: Storytelling through type

BLOG

ވޯލްޑްކަޕް 2026: އަކުރުން ވާހަކަ ކިޔާދިނުން

މެންދަމު ނިދި ނަގާލައިގެން، ކުރިމަތިން މިފެންނަނީ މިރޭގެ މެޗުތޯ އިއްޔެރޭގެ މެޗެއްތޯ ޔަގީންނުވާހާލު ތާއްޔާ ޖެހިޖެހި ތިއްބައި ވޯލްޑްކަޕްވެސް ނިމުމަކަށް އައީއެވެ. ދުނިޔޭގެ ތައްޓަށްކުޅޭ މުބާރާތް ވެފައި މިއޮންނަނީ ހަމައެކަނި ފުޓުބޯޅަ މުބާރާތަކަށްވުރެ ބޮޑަށް ދުނިޔޭގެ ސަގާފީ ބޮޑު އީދަކަށެވެ.

އެތައް ގައުމަކާ ވާދަކޮށް ކޮލިފައިވެގެން ޖުމްލަ 48 ގައުމަކުން ފުޓުބޯޅައިގެ މައި ސްޓޭޖަށް އަންނަނީ ކުޅިވަރުގެ ހުނަރުގެ އިތުރުން އެތައްހާސް ރައްޔިތަކާއި، އެތައް ޒަމާނެއްގެ މާޒީއާއި ސަގާފީ ގިނަ ވާހަކަތަކެއް ހިފައިގެނެވެ. އެ ވާހަކަތައް ކިޔައިދޭން އެކި ފަރުމާތަކާއި އުކުޅުތަކާއި ވަސީލަތްތައް އެކި ގައުމުތަކުން އެކިގޮތްގޮތަށް ގެންގުޅެއެވެ. ގައުމުތައް ހުރިގޮތަށް އެއްކުލަ ކޮށްގެން، ވަފުދުތައް ހަދައި ޖަރީވެގެން ދަތުރުހަދައި، ނަށަމުން ލަވަކިޔަމުން، އެކި ޒާތްޒާތުގެ އެއްޗެހި ހިފައިގެން ދަނޑުދޮށަށާއި ޓީވީތައް ކައިރިއަށް ސަޕޯޓުކުރަން އެއްވެއެވެ.

މިހުރިހާ ސަކަރާތެއްގެ ތެރެއިން މި ބަލާލަނީ ގިނަބަޔަކަށް ނިސްބަތުން މާބޮޑު ސަމާލުކަމެއް ނުދެވޭ ތަންކޮޅަކަށެވެ. އެއީ ކުޅުންތެރިންގެ ޖޯޒީގެ ބާމަތީގައި ޖަހާފައިހުންނަ އަކުރުތަކުން ކިޔައިދޭ ވާހަކަތަކަކަށެވެ. އެ އަކުރުތަކުން ލިޔެފައި އޮންނަ އެއްޗެއްގެ ވާހަކައެއް ނޫނެވެ. އަކުރުތަކުގެ ފަރުމާގެ ވާހަކައަށެވެ.

އުރުގުއޭ - މި ވޯލްޑްކަޕެއްގެ ފެށުން

އުރުގުއޭ ވޯލްޑްކަޕް ޖޯޒީގެ ފޮންޓާއި، އޭގެ ފަރުމާގެ ތާރީހު އަސްލަކަށް ބަލައިގެން ކުރަހާފައިވާ ކުރެހުމެއް

ވޭތުވެ މިދިޔަ ރޭތަކުގެ ތެރެއިން ރެޔަކު އުރުގުއޭ މެޗެއް ބަލަން އިންދާ ކައިރީގައި އިން މީހަކު އުރުގުއޭ ޖޯޒީ ދައްކާފައި ބުނިއަޑު އިވުނެވެ. ”އެކަމު ހުތުރު ފޮންޓެއްދޯ!“. އެއީ އޭނާގެ ނަޒަރުން ހަމަ ތެދެކެވެ. ނަންބަރެއް ފުރަތަމަ ފެންނަ ފެނުމުން ހުތުރިއްޔާ އެ ނަންބަރު ހަަމަ ހުތުރީއޭ ބުނެވިދާނެއެވެ. އެއީ ދިރާސާކޮށް ފުން މާނަތަކެއް އެއިން ނެރެންޖެހޭހާ މުހިންމު އެއްޗެއް ބާއޭ މިއީ ޑިޒައިނަރުން ވިސްނާލަން މުހިންމު ނުކުތާއެކެވެ.

މިކަމުގައި ފީފާއާއި ގަވައިދުތައް ގެންގުޅޭ ކޮމިޓީތަކުގެ ވިސްނުންވެސް އަހަރެން ކައިރި އިން މީހާއާ އެއްގޮތެވެ. އެގަވާއިދުތަކުން ދޭހަވާގޮތުގައި ނަންބަރުތަކާއި ނަންތަކުގެ ފޮންޓުގެ މަގްސަދަކީ ދެފަހަރު ބަލާލަން ނުޖެހޭވަރަަށް ސާފުކޮށް ލިޔެފަ އޮތް އެއްޗެއް ކިޔާލެވުމެވެ. އެހެންކަމަށް ވާނަމަ އުރުގުއޭ ފޮންޓަކީ އެގަވާއިދުތަކުގެ ނިސްބަތުންވެސް ހުތުރު ފޮންޓެކޭ ހަމަ ބުނެވިދާނެއެވެ. ދެން ބަލާލަންވީ ނުބައިކޮށް ކީހާފައިއޮތް ލަކުޑިބުރިތަކެއްހެން އެކި ކަތި އެކި ވަރަށް އެކި ބޯމިނުގައި އެ ފޮންޓު ފަރުމާކޮށްފައި އެއޮތީ ކީއްވެތޯއެވެ. އެހިސާބަށް ވިސްނާލަންޏާ ދެން ޖެހޭނީ ތަންކޮޅެއް ފުންކޮށް އޭގެ މާޒީއަށް ބަލާލާށެވެ.

ވޯލްޑްކަޕެއް ދުނިޔޭގެ ތާރީހުގައި އެންމެ ފުރަތަމަ ބޭއްވީ 1930ގައި އުރުގުއޭގައެވެ. އެވޯލްޑްކަޕް ނެގީވެސް އުރުގުއޭ މީހުންނެވެ. އެއަހަރުގެ ވޯލްޑްކަޕުގެ ރަސްމީ ޕޯސްޓަރަކަށް ބޭނުންކުރީ އެރަށު އާޓިސްޓެއް ކަމަށްވާ ގިއެރްމޯ ލަބޯޑޭ ކުރަހާފައިވާ ގޯލްކީޕަރެއް ހުރަސްދަނޑިމަތިން ބޯޅައެއް ބޭރުކޮށްލާމަންޒަރު ދައްކުވައިދޭ ކުރެހުމެކެވެ. އެއާއެކު އެކުރެހުމާއި ކުރެހުމުގެ ސްޓައިލްގަނޑުން އެވޯލްޑްކަޕުގެ މުޅި ބްރޭންޑިން ފަރުމާކުރެވުނެވެ. އެސްޓައިލަކީ އޭރުގެ މަގުބޫލު އިންޑަސްޓްރިއަލް ފަރުމާތަކާއި ކޮންޓެމްޕޮރަރީ ފަރުމާތަކުގެ އެކި ބާވަތްތަކުގެ ތެރެއިން އުރުގުއޭއަށް ހާއްސަ ޕްލޭނިޒްމޯ ސްޓައިލެވެ. މި ސްޓައިލްގައި މަންޒަރުތަކާއި އަކުުރުތައް ކުރުހާފައި ހުންނަނީ މާބޮޑަށް ތަފްސީލުނުކޮށް، ވަރަށް ބޯ އަދި ކަތިބޮޑު ވަކިވަކި ބައްޓަން ތަކަކުންނެވެ.

އޭގެ 96 އަހަރުފަހުން ވޯލްޑްކަޕަށް އުރުގުއޭ ޓީމު ނުކުންނަން ލާ ޖޯޒީ ފަރުމާކުރަން ނައިކީ އާއި ހަވާލުކުރުމުން ނައިކީ އިން ފުރަތަމަވެސް ހޭވީ އެ ފަތްފުއްތަކެވެ. 1930ގެ މަޑުނޫކުލައިގެ ޖޯޒީއާއި ހުދު ގިރުވާނާއި ލަބޯޑޭގެ ބްރޭންޑިންގައި ހުރި ބައްޓަންތައް އަސްލަކަށްބަލައިގެން ހަމަ އެޒާތުގެ ފޮންޓެއް ފަރުމާކޮށް، ނައިކީ އިން މިއަހަރުގެ ވޯލްޑްކަޕަށް އުރުގުއޭ ތިއްތިކޮށްދިނީ ތާރީހު އަނބުރާ އިއާދަކުރާށެވެ. ރަން ޒަމާނުގެ ފަރުމާތަކާއި ހަމަ އެހާ ކުރީގެ ކޯޗަކާއެކު އެމެރިކާއަށް ގޮސް ގުރޫޕު ސްޓޭޖުން ކަޓައިގެން ޓީމު އެނބުރި އުރުގުއޭއަށް ގޮސްފިއެވެ.

ނޯވޭ - އެންމެ އިހުގެ ރޫން އަކުރު

ނޯވޭގެ ވޯލްޑްކަޕް ޖޯޒީގެ ފޮންޓާއި، އޭގެ ފަރުމާގެ ތާރީހު އަސްލަކަށް ބަލައިގެން ކުރަހާފައިވާ ކުރެހުމެއް

ނޯވޭ ޖޯޒީގައި ޖެހި ފޮންޓުގެ ވާހަކަ ފެށުމުގެ ކުރިން އެމީހުންގެ ވޯލްޑްކަޕް ކެމްޕޭނަށް އެއްޗެއް ބުނެލަންޖެހޭކަމަށް ފެންނާތީ ބުނެލާނަމެވެ. ދުނިޔޭގެ ކުޅިވަރުގެ މައި ސްޓޭޖަށް ކޮލިފައިވެގެން މުބާރާތަށް ދާއިރު ދާންވާނީ މިފަހަރު ނޯވޭއިން ދިޔަ ގޮތަށެވެ. މިއީ ހަމައެކަނި ކުޅިވަރު ކުޅެލަން ދާދިއުމެއް ނޫނެވެ. މިއީ ކުރިން ބުނިހެން ދުނިޔޭގެ ސަގާފީ ބޮޑު އީދެކެވެ. މިކަމަށް ދާންވާނީ މިކަމާ ވެގެނެވެ. އެކަން ނޯވޭ އިން މުބާރާތުގެ ހުރިހާ ދިމާލަކުންވެސް ދައްކަން ތަރުހީބު ހައްގު މަސައްކަތްތަކެއް ކުރިއެވެ. އެންމެ ފުރަތަމަ ފޮޓޯގަނޑުންވެސް މިއީ އާދައިގެ ކަމެއް ނޫންކަން އިނގުނެވެ.

އެކި ޓީމުތަކުން ވޯލްޑްކަޕަށް ގެންދާ ސްކޮޑު އިއުލާންކުރަން ވެލާނާގޭ މިނިސްޓްރީތަކުގައި ހުންނަ ކަހަލަ ގްރޫޕްފޮޓޯތައް ނަގައި ސޯޝަލްމީޑިޔާއަށް އަޅަމުން ދަނިކޮށް ދަނިކޮށް ނޯވޭ އިން ވައްޓާލީ ތިރީގައި މިވާ ފޮޓޯއެވެ. 86ގައި މަރަޑޯނާ ތަށި އުފުލާލި ފޮޓޯވެސް ނެގި ތާރީހީ ފޮޓޯގްރަފަރު ޑޭވިޑް ޔެރޯގެ ކެމެރާއިން މިފޮޓޯ ނެގީ އޮސްލޯގެ ކޯރެއްގެ އައްސޭރީގައި މުޅި ޓީމު ސީދާ ވައިކިންގް ހަނގުރާމައިގެ ހެދުމުގައި ތިއްބައެވެ. އެހިސާބުން ފެށިގެން މުޅި ވޯލްޑްކަޕުގައި ދަނޑުތަކާއި އެމެރިކާގެ މަގުތަކާއި އިންޓަނެޓުގައިވެސް އެންމެ އަޑުގަދަ ޓީމަށް ނޯވޭ ވެގެންދިޔައެވެ. އެނބުރި ފޮންޓުގެ ވާހަކައަށް ދާނަމެވެ.

ވޯލްޑްކަޕަށް އެނބުރިއައި ނޯވޭ ޓީމުގެ ޖޯޒީ ފަރުމާކުރި ނައިކީ އިން ޖޯޒީގެ ފޮންޓު ހެދުމުގައި އަސްލަކަށް ބަލާފައިވަނީ ނޯވޭ ހިމެނޭހެން ޖަރމޭނިކް މޫތަކުގެ އެންމެ މުސްކުޅި އަކުރު ކަމަށްވާ އެލްޑާ ފޫތާކް އަކުރުތަކެވެ. މިސަރަހައްދުގެ ތާރީހާއި ނޯރސް ވާހަކަތަކަށް ބިނާކޮށް ހަދާފައިހުންނަ ގިނަ ލިޔުންތަކާއި ފިލްމުތަކުންވެސް މިފަދަ އަކުރުތަކުގެ އަސަރު ފެންނާނެއެވެ. ހެރަލްޑް ޓައިޕްގެ ނަމުގައި ނައިކީ އިން ފަރުމާކުރި މިފޮންޓު ވަނީ ފީފާއިން މަނާވެސް ކޮށްފައެވެ.

ކިޔަން ފަސޭހަނުވުމާއި ލެޓިން އަކުރުތަކާއި ވައްތަރުނޫންކަމަށްބުނެ ނައިކީއިން އެންމެ ފުރަތަމަ 2024ގައި ފަރުމާކުރި ދެކުލައިގެ ފޮންޓް ފީފާއިން މަނާކުރިއެވެ. މިކަމާގުޅިގެން މިއަހަރުގެ ވޯލްޑްކަޕަށް ނައިކީގެ ޓީމުން ވަނީ ކޮމިޓީތަކުން ފާސްވާ މިންވަރަށް ފޮންޓު ”އިސްލާހު“ ކޮށްފައެވެ. ދެކުލަ އެއްކުލަކޮށް، މާބޮޑުކޮށް ހުރި ކަތިތައް ތަންކޮޅެއް ތެދުކޮށް އަކުރުތައް ވަނީ ލެޓިން އަކުރާ ގާތްކުރާވަރަށް ”މިނިމަލް“ ކޮށްފައެވެ.

ފާސްވާވަރު ކުރިއަސް އަކުރުތަކާއި އޭގެ ފަހަތުގައި އޮތް ބޮޑު ތާރީހު މިފަރުމާތަކުން ގެއްލުވައެއް ނުލައެވެ. އަދި އަކުރުތަކުގެ ހާއްސަކަން ފާހަގަކުރުމަށް އަކުރުތައް ޖެހި ޖޯޒީތައް ހާއްސަކޮށް ދެވަނަ ޖޯޒީއާއި ތިންވަނަ ޖޯޒީ ފަރުމާކޮށްފައިވަނީ ވޯލްޑްކަޕްގައި އެހެން ޓީމަކުން ބޭނުންނުކުރާހާ ސާފުކޮށް އެއްވެސް ކުރެހުމެއްނެތި ހަމައެކަނި އަކުރުތައް ފާޅުވާ ގޮތަށެވެ.

ޕޯޗުގީޒުންގެ ކަނޑުދަތުރުނާމާ

ޕޯޗުގަލްގެ ވޯލްޑްކަޕް ޖޯޒީގެ ފޮންޓާއި، އޭގެ ފަރުމާގެ ތާރީހު އަސްލަކަށް ބަލައިގެން ކުރަހާފައިވާ ކުރެހުމެއް

ކުރިން މިދެއްކި ދެފޮންޓަކީ ކޮމިޓީތަަކުގެ އެދުންތަކާ ދުރު ”ބަސްނާހާ“ ފަރުމާތަކެއް ނަމަވެސް ކުރިއަށް އޮތް ދެފޮންޓަކީ ކޮމިޓީތަކުގެ ހިތްރުހޭވަރަށް ”މިނިމަލް“ކޮށް އޭގެ ފަހަތުން ވާހަަކަތަކެއްވެސް ކިޔައިދޭގޮތަށް ފަރުމާކޮށްފައިވާ ފޮންޓުތަކެކެވެ. އެގޮތުން ފުރަތަމަ ޕޯޗުގަލްއަށް ބަލައިލާނަމެވެ. ޕޯޗުގީޒުންނަކީ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ތާރީހުގައި ބޮޑު ނަމެކެވެ. އަހަރެމެން ދިވެހިންނާ ހަމަޔަށްވެސް އެކި ކަންކަމު އައިސްފައިހުރި ކަމަށް ތާރީހީ ލިޔުންތައް އެކި ގޮތްގޮތަށް ކިޔައިދެއެެވެ.

ޕޫމާ އިން ފަރުމާކުރި ޕޯޗުގަލްގެ ވޯލްޑްކަޕްގެ ޖޯޒީތަކާއި ފޮންޓުންވެސް ދައްކުވައިދެނީ ކަނޑުމަތީގެ ތާރީހެވެ. ގިރުވާން ފަހަތުގައި ސަމުގަލެއް ކުރަހާފައި އޮތް ފުރަތަމަ ޖޯޒީގައި ޕޯޗުގީޒު ރަތްކުލައިން ކަނޑުގެ ރާޅުތައް ރޮނގުތަކަކުން ކުރުހާފައި ހުރިއިރު ދެވަނަ ޖޯޒީގައި އެއަށްވުރެ ތަފްސީލުކޮށް ކަނޑުގެ ރާޅުތައް ކުރުހާފައިވެއެވެ. ދެޖޯޒީގައިވެސް ބޭނުންކޮށްފައިވާ އަކުރުތަކުގެ ހުރަސް ބަދަތައް ފަރުމާކޮށްފައިވަނީ ރާޅުތަކުގެ ބައްޓަމަށެވެ. މުޅި ޖޯޒީއާއި ކިޔައިދޭ ވާހަކަ ވަރަށް ލުއިކޮށް ކިޔައިދޭ ފަރުމާއެކެވެ.

ފްރާންސް - އެމެރިކާއަށް ހަދިޔާއެއް

ފްރާންސްގެ ވޯލްޑްކަޕް ޖޯޒީގެ ފޮންޓާއި، އޭގެ ފަރުމާގެ ތާރީހު އަސްލަކަށް ބަލައިގެން ކުރަހާފައިވާ ކުރެހުމެއް

ފްރާންސް ވޯލްޑްކަޕަށް އައީ ދާހިލީ އެކުވެރިކަމުގެ ހުދު ފަރުމާއެއް ހިފައިގެނެވެ. ނައިކީއިން ފަރުމާކޮށްފައިވާ ފްރާންސްގެ ދެވަނަ ޖޯޒީ މުޅިންހެން ތަހުސީސްކޮށްފައި އޮތީ ވޯލްޑްކަޕް ބާއްވާ އެމެރިކާ އާ ދެގައުމުގެ ގުޅުމަށެވެ. ނައިކީ އިން ވަނީ 1886 ގައި ފްރާންސުން އެމެރިކާގެ މިނިވަންކަމުގެ މުނާސަބަތުގައި ހަދިޔާކުރި 300 ފޫޓުގެ ލޯ ބިނާކަމަށްވާ ”ސްޓެޗޫ އޮފް ލިބަޓީ“ ޖޯޒީއެއްގެ ސިފައިގައި ފަރުމާކޮށްފައެވެ.

ޖޯޒީގެ ފޮތީގައި ހުރީ އެ ބިނާ ގިނަދުވަސްވުމުގެ ސަބަބުން މިހާރު އަރާފައިހުރި މަޑުފެހި ކުލައެެވެ. ފޮންޓުގައި ހުރީ ލޯގެ އަސްލު ކުލައެވެ. އަކުރުތައް ފަރުމާކޮށްފައިވަނީ އެބިނާގައި އޮންނަ ފޮތުގައި ހުންނަ ލިޔުންތަކުގެ އަކުރުތަކުގެ ބައްޓަމަށެވެ. އަދި އޭގެ އިތުރުން އަކުރުތަކުގެ ނިމުންތައް ހުރީ އެބިނާ އިމާރާތްކުރުމުގައި ގެންގުޅެފައިހުރި ކަތި ކެނޑުންތަކަށް ބަަލައިގެންނެވެ.

މި ފުރިހަމަ ފަރުމާހިފައިގެން ކަނޑުހުރަސްކޮށް އައިސް އެހެން ބަޔަކު ނުކުޅޭވަރުގެ ކުޅުމެއް ދެއްކިފަހުން، ރޭގައި ފީފާއިން ސޯޝަލްމީޑިޔާއަށް ލާފައިވާ ވީޑިއޯގައި ފެންނަނީ ސްޓެޗޫ އޮފް ލިބަޓީ އާޖެންޓީނާއާއި ސްޕެއިންގެ ދެޖޯޒީގެ ދެފަޅި ލައިގެން ހުއްޓައެވެ. ހައްތަހާވެސް ވާހަކަތަކެވެ. ފުޓުބޯޅައިގެ ތާރީހާއި ދުނިޔޭގެ ކުޅިވަރާއި ސަގާފަތުގެ ތާރީހަށް ބޮޅަކަށްފަހު ބޮޅެއް އިތުރުވަމުން ދާއިރު ވޯލްޑްކަޕަށް އަންނަ ވަފުދުތަކުން ތަމްސީލުކުރާ އެބައެއްގެ ވާހަަކަތަކުގައި ޑިޒައިނަރުންވެސް ދަނީ އެމީހުންގެ ދައުރު އަދާކުރަމުންނެވެ. ޖޯޒީގައި ހުންނަ އަކުރަކީ މީގެ ކުރީގައި މީހާ ވަކިކުރާ ފާހަގައަކަށް ވީނަމަވެސް މިހާރު އެއީ އިތުރު އެތައް ވާހަކައެކެވެ.

ޖެހިގެން އިން މަޝްރޫޢު

ކުރިއަށް

An Exploration of the Design of the Maldives National Emblem - Part 1
ދިވެހި ދައުލަތުގެ ނިޝާންގެ ގަރުނަކާ ކައިރިކުރާ ފަރުމާ - ފުރަތަމަ ބައި

Checkout

World Cup 2026: Storytelling through type

MVR

BML

Account Name: