
BLOG
ތެދު ރުކެއްގެ ދެފަޅިން ކައްތިރިކޮށް ބަނދެފައިހުރި ދިވެހި ދެ ދިދައެވެ. މެދުގައި ރަން ކުލައިގެ ކަތި ހަނދުފަޅިއަކާއި ފަސްފިޔަ ތަރިއެކެވެ. ތިރީގައި އަރަބި އަކުރުން ”އައްދައުލަތުލް މަހަލްދީބިއްޔާ“ ލިޔެފައި އޮތް ނަންފިލައެކެވެ. އަހަރެމެންނަށް މިފެންނަ ދިވެހި ދައުލަތުގެ ނިޝާނަކީ ޒަމާނަކުން ހެދި ފޯދިފައި އޮތް ފަރުމާއެކެެވެ. އެ ނިޝާނަކީ އަހަރެމެން ދިވެހިންނަކީވެސް ދުނިޔޭގެ ކަނެއްގައި އުޅޭ ރައްޔިތެއްކަން ކަށަވަރުކޮށްދޭ ރަސްމީ ސިއްކައެވެ. މި ނިޝާނާއި، އޭގެ ފަރުމާ އަދި އޭގައި ހިމެނޭ ބައިތަކަކީ ކޮން މާނައެއްގައި، ކިހިނެއް، ކޮން ތަރުތީބަކުން އެތުރިފައި ހުރި އެތުރުމެއްތޯ ވިސްނާލައި ފިކުރުކޮށްލުމަކީވެސް ނެތްކަމެއް ނޫނެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ދައުލަތުގެ ނިޝާންގެ އަސްލާ ބެހޭގޮތުން ކޮށްލި ސުވާލެއްގެ ޖަވާބު ދެއްވަމުން ދިވެހި ތާރީހު ދިރާސާކުރައްވާ އަލާ ދީދީ ވިދާޅުވިއެެވެ،
އެ ވިދާޅުވި ވާހަކަކޮޅަށް ބިނާކޮށް އަޅުގަނޑުވެސް މި ގަސްތުކުރީ މިވާހަކަ ތަންކޮޅެއް ދިގުކޮށް ލިޔާށެވެ. ނަމަވެސް ކިޔަން ފަސޭހައަށް 3 ބަޔަކަށް ބަހާލާނަމެވެ. ފުރަތަމަބައިގައި ބަލާލާނީ ދުނިޔޭގެ އެކި ދައުލަތްތަކާއި ގުރޫޕުތަކުގެ ނިޝާންތަކާބެހޭ އިލްމު ނުވަތަ އިނގިރޭސި ބަހުންނަމަ ހެރަލްޑްރީ އޭ ކިޔާ ބަޔަށެވެ. ދެވަނަ ބައިގައި ބަލާލާނީ ދިވެހި ދައުލަތުގެ ނިޝާނެއްގެ ގޮތުގައި އެންމެ ފުރަތަމަ ކުރެވުނު ފަރުމާއަށެވެ. ތިންވަަނަ ބައިގައި މައިގަނޑަކަށް ބަލާލާނީ ދިވެހި ދައުލަތުގެ ނިޝާންގެ މިހާރު މިފެންނަ ފަރުމާއަށެވެ.
”ހެރަލްޑްރީ“ ނުވަތަ ނިޝާންތަކުގެ އިލްމާބެހޭ ލިޔުންތަކުން އިނގޭގޮތުން އީސާގެފާނުގެ 3500 އަހަރު ކުރިއްސުރެ އިންސާނުން ރަސްމީ ކަންކަމުގައި ސިއްކަ ބޭނުން ކުރެއެވެ. ނަމަވެސް ކޯޓް އޮފް އާމްސް އުފެދުމުގެ އަސްލު ގުޅިފައިވަނީ 12ވަނަ ގަރުނުގައި ޔޫރަޕާއެވެ. މުޅި އިންސާނީ ތާރީހު ފަދައިން އެޒަމާނަކީވެސް އެކިއެކި ރަސްކަންތަކާއި، ޝާހީ އާއިލާތަކާއި، ގަބީލާތަކުގެ ތެރޭގައި ހަނގުރާމަތަކާއި، އަރާރުމާއި، ހެވިކަމުގެ އެކިއެކި ކުޅިވަރުތަކާއި ކުރިމަތިލުންތައް ހިނގަމުންދިޔަ އަދި އެކަންކަން ތަރައްގީވެސް ވަމުންދިޔަ ޒަމާނެކެވެ. އަތްވާއި ވާރޭގައި، ޗަކަޔާއި ކިސަޑުގައި، ލޯމަތި ފިޔަވައި މުޅިހަށިގަނޑު ދަގަނޑުން ނިވާކޮށްގެން ތިބެ މިހުރިހާ ސަކަރާތެއް ޖަހަމުންދިޔައިރު އެގަހު ކޭލެއް މިގަހު ކޭލެއް ވަކިނުވާ ހާލަތްތައް ކޮންމެވެސް ވަަރަކަށް ދިމާވެދާނެތާއެވެ. މީހުން ވަކިނުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުލަކުލައިން ކުރުހާފައިހުރި ”ކޯޓް އޮފް އާމްސް“ ތައާރަފްކުރި ކަމަށްވަނީ 1128ގައި ހެންރީ 1 އެވެ.
ކޯޓް އޮފް އާމްސްގެ ލަފްޒީ މާނައިގައި އެއީ ”އާމަރ“ ނުވަތަ ހަނގުރާމައިގައި ނިވާވާން ލާ ދަގަނޑު ހެދުމުގެ މަތިން ވައްޓާލާ، ކުރެހުންޖަހައިގެން ފަރުމާކޮށްފައި އޮންނަ ފޮތި ކޯޓެކެވެ. ފުޓުބޯޅަ ފަރިތަކުރާއިރު ކޮޅު ވަކިކުރަން ޖޯޒީމަތިން ލާ ބިބު ފަދައިންނެވެ. އެބަޔަކު ރަމްޒުކޮށްދޭ ކުލަތަކާއި، ފަރުމާތަކާއި ކުރެހުންތައް ބޭނުންކޮށްގެން އެކި ބައިބައި މީހުން މި ކޯޓުތައް ފަރުމާކުރަން ފެށިއެވެ. ކޯޓާއެކު އެއް އަތުގައި އޮންނަ އައްޑަނައާއި ހެލްމެޓަށްވެސް ހަމަ އެ ފަރުމާތައް އަންނަން ފެށީއެވެ. އެންމެފަހުން މިފަރުމާތައް ރަސްމީ ނިޝާންތަކުގެ ގޮތުގައި ކަރުދާހަށް ތިލަވިއިރު ގިނަ ނިޝާންތަކެއް އައްޑަނައިގެ ބައްޓަމެއްގެ ތެރޭގައި އޮތީ އަތުގައި އޮތް އައްޑަނައިގެ ފަރުމާ އޮތްގޮަތަށް ކަރުދާހަށް ތިލަކުރިލެއް ގިނަ ކަމުންނެވެ. ޔޫރަޕުގެ ފުޓުބޯޅަ ބަލާމީހަކަށް އައްޑަނައިގެ ބައްޓަމަށް ހުންނަ އެކި ސިޓީތަކާއި ގައުމުތަކުގެ ލޯގޯ ވަރަށް ގިނައިން މިހާރުވެސް ފެންނާނެވެ.
ކޮންމެއަކަސް އެބައެއްގެ ކޯޓުން އެބައެއްގެ ވާހަކަ ކިޔައިދެމުން ފަރުމާ ކުރެވެމުން، އެކުރެހުން ތަރައްގީކުރަމުން، އެކި ކަންކޮޅުތަކަށް މިކަން ފެތުރެމުން ދިޔައިރު، މިޒާތުގެ ކޯޓް އޮފް އާމްސް ލައި ނޫޅޭ ގައުމުތަކުންވެސް އެގައުމެއް ރަމްޒުކޮށްދޭ ނިޝާންތައް ފަރުމާކުރަންފަށައި މިކަންތައްގަނޑުގެ ތެރެއަަށް ވަނެވެ. މި ނިޝާންތަކަށް ކިޔަނީ ”ނެޝަނަލް/ސްޓޭޓް އެމްބްލެމް“ ނުވަތަ ދައުލަތުގެ ނިޝާނެވެ. އަހަރެމެން ދިވެހިން ވަންނަނީ ނެޝަނަލް އެމްބްލެމްގެ ބަންޑެއްޔަށެވެ. ބައެއް ލިޔުންތަކުގައި ދިވެހި ދައުލަތުގެ ނިޝާނަށް އިނގިރޭސިން ކޯޓް އޮފް އާމްސް ލިޔެފައި ހުންނާތީ ފެނެއެވެ. އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ރަނގަޅުގޮތަކީ ”ނޭޝަނަލް އެމްބްލެމް“ އެވެ. ނަމަވެސް ކޯޓް އޮފް އާމްސް އަދި ދައުލަތުގެ ނިޝާންވެސް މިޒަމާނުގައި އާންމުގޮތެއްގައި ބޭނުންކުރާތަން ފެންނާނީ ދާދި އެއް ބޭނުންތަކެއްގައެވެ. އެއީ މައިގަނޑަކަށް ދައުލަތުގެ ރަސްމީ ސިއްކައިގެ ބޭނުންތަކަށެެވެ.
ދިދަޔާއި ނިޝާންގެ ފަރުމާގައި ކަމުގެ ބޭނުމުގެ ބާވަތުން ބޮޑު ތަފާތެއް ހުރެއެވެ. ދިދަޔަކީ ދުރުން ފެނުނަސް ވަގުތުން މިއީ ކޮންބައެއްކަން ވަކިވާންޖެހޭ ފޮތިގަނޑެއްކަމުން ދިދަ ފަރުމާކުރުމުގައި މާގިނަ ބައްޓަންތަކާއި ލިޔުންތަކާއި ނިޝާންތައް ބޭނުންކުރުން ވަނީ އޭގެ މަގްސަދާ ހިލާފު އަދި ބައިނަލްއަގްވާމީ ހަމަތަކުންވެސް ބަލައިނުގަންނަ ކަމަކަށެވެ. ނަމަވެސް ނިޝާންތަކަކީ މިހުރިހާ ފިއްތުމަކުން ބޭރުވެ އެބައެއްގެ ވާހަކަ ވީހާވެސް ފާޅުކަން ބޮޑުކޮށް ކިޔައިދޭން ލިބޭ ފުރުސަތެއްކަމުން އެފުރުސަތުގެ ބޭނުން ވަރަށް ކުލަގަދަކޮށް ހިފާފައި ހުންނަކަމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ނިޝާންތަކުން ފާހަގަކުރެވެއެވެ.
އިރު ހަނދާއި ތަރިތަކާއި ސޮލީބު ފަދަ ދީނީ ނިޝާންތަކާއި، ބާޒާއި ސިންގާ ފަދަ ސަރަހައްދީ ދިރޭތަކެއްޗާއި، ކަނޑި ބަޑިއާއި ވަޅިއާއި މަރުތެޔޮފަދަ ހަނގުރާމަމަތީ އާލާތްތަކަކީ މިފަދަ ނިޝާންތަކުން މައިގަނޑަކަށް ފެންނަން ހުރި ތަކެއްޗެވެ. ޒަމާނުއްސުރެ އެބައެއް އެންމެ ކައިރިން ރަމްޒުކޮށްދޭ ކުލަތައްވެސް މި ފަރުމާތަކުގައި ބޭނުންކޮށްފައި ހުރެއެވެ.
މިއީ މިހާ ފަސޭހައިން ލިޔެލެވޭވަރަށްވުރެ މާބޮޑު، އެތައް ގަރުނެއްގެ ތާރީހެކެވެ. ނިޝާންތަކުގެ އިލްމަކީ ދުނިޔޭގެ މުޅި ތާރީހުގެ ހުލާސާއެކެވެ. ނަމަވެސް މިލިޔުމަކީ ދިވެހި ދައުލަތުގެ ނިޝާނާގުޅޭ ލިޔުމެއްކަމުން، ކުރުކުރަން ނުވާހާ ކުރުކޮށް ބޭރުދުނިޔޭގެ ބައި ލިޔެ ނިންމާލާފައި، ގާދޫކޮލުން އެތެރެއަށް ސަމާލުކަން ގެނެސްލާނަމެވެ.
[ނުނިމޭ] [ކުރިއަށް - ދެވަނަބައި: ދިވެހި ދައުލަތުގެ އެންމެ ފުރަތަމަ ނިޝާން އަދި އޭގެ ފަރުމާ]
MVR