Baburu Thaana - Exploring Blackletter type on Thaana

TYPOGRAPHY

ބަބުރުތާނަ - ބްލެކްލެޓަރގެ ފަތި ތުނޑުން ތާނަ ލިޔުން

ބަބުރު ތާނައަކީ މުސްކުޅި އިނގިރޭސި އަދި އަރަބި ފަދަ އަކުރު ލިޔަން ގެންގުޅޭ ޒާތުގެ ފަތި-ތުނޑު ނުވަތަ ވަޑާންކަށި ތުނޑުން ތާނަ ލިޔެވޭތޯ 2020ވަނަ އަހަރު ކުރެވުނު މަސައްކަތްތަކަކުން ފަރުމާކުރެވުނު އަކުރުފައްޗަކަށް ހެދިފައިވާ ފޮންޓެކެވެ. ބަބުރު ތާނައަކީ މުސްކުޅި އިނގިރޭސިއަށް ކިޔާ ”ބްލެކް-ލެޓަރ“ ތާނައަށް ތަރުޖަމާކޮށްގެން ކިޔުނު ނަމެކެވެ.

ބްލެކް-ލެޓަރ ނުވަތަ ކަޅު އަކުރު

ބްލެކް ލެޓަރ އަކީ ޔޫރަޕުގައި މީގެ 3000 ވަރަކަށް އަހަރު ކުރިން އޭރުގެ މުސްކުޅި އިނގިރޭސި ލިޔަން ގެންގުޅުނު އަކުރުގެ ބާވަތެކެވެ. ބްލެކް ލެޓަރ ގެ ފަތި، ފުޅާ އަދި ސީދާ އަކުރުތައް އެގޮތަށް ލިޔެފައި ހުންނަނީ އެޒަމާނުގައި ލިޔަންގެންގުުޅު ދެއްޔާއި ކަރުދާހުގެ ބާވަތްތަކާއި އެހެން އާލާތްތައް އަގުބޮޑުކަމުން ގަނޑުގެ އެންމެ ފުރިހަމަ ބޭނުން ހިފުންފަދަ ބައެއް ސަބަބުތަކަށްޓަކައެވެ. ބްލެކް ލެޓަރ ލިޔުންތައް ތަރައްގީވަމުން އައި މަގުމަތީ ލިޔެވުނު ބައެއް ބާވަތްތަކުގެ އަކުރުގެ ތެރޭގައި ”ޓެކްސްޗުރާ“ އަދި ”ފްރެކްޗަރ“ ހިމެނެއެވެ. ޓެކްސްޗުރާ އަކީ ވަރަށް ސީދާ، ތެދު ލިޔުމުގެ ބާވަތެކެވެ. ފްރެކްޗުރަކީ ހަމަ އެއަކުރުތަކަށް ވަށް ބައްޓަންތަކެއް ތައާރަފްކުރި އަކުރެކެެވެ. މިބާވަތްތަކަކީ ރީތިހުތުރަށްވުރެ ބޮޑަށް ބޭނުންކުރާ އާލާތްތަކާއި، ހާލަތާއި އޭގެ މަގުސަދުތަކާއި ގުޅިގެން އުފެދުނު ބާވަތްތަކެކެވެ.

ބަބުރުތާނައިގެ ބައެއް އަކުރުތައް ފަތި-ތުނޑު ގަލަމަކުން ލިޔެފައި

ބަބުރުތާނަ އަކުރުތައް އަހަރެން ޑިޒައިންކުރީ މުސްކުޅި އިނގިރޭސީގެ އެކި ބާވަތްތައް ފަތި ތުނޑުގައި އެކި ގޮތްތަކަށް ލިޔެވޭތޯ ވަރަށް މަސައްކަތްކުރުމަށް ފަހުއެވެ. ދުނިޔޭގެ އެކި ބަސްބަހާ ގަލަމުތުނޑާ އޮންނަ ގުޅުމަށް ތަންކޮޅެއް ދިގުކޮށް އެހެން ދުވަހަކުން ލިޔެވޭތޯ ބަލާނަމެވެ. ކުރުކޮށް ބުނާނަމަ އަހަރެމެންނަށް މިފެންނަ އިނގިރޭސިބަހުގެ އަކުރުތައް އެހުންނަ ގޮތަކަށް އުފެދިފައި އެހެރީ ފަތި ތުނޑެއްގެ ގަލަމެއް 45 ޑިގްރީގައި ހިފާއްޓައިގެން ވާއަތުން ކަނާއަތަށް އެ ބައްޓަންތައް ލިޔުނީމައެވެ. އަރަބި ލިޔެއުޅެނީ ފަތި ތުނޑުގައި 70 ނުވަތަ 60 ޑިގްރީގައި ހިފާއްޓައިގެން ކަނާއަތުން ވާއަތަށެވެ. އަރަތްބަކީ އަދި މާ ކަންތައްބޮޑު އަކުރެކެވެ. އަރަބީގެ ވާހަކަ މިތަނުގައި މާބޮޑަށް ދައްކާކަށް ނެތީމެވެ.

މިހާރު އެތައް މިލިއަން ސްޓައިލްތަކުގެ ފާޑުފާޑު އިނގިރޭސި އަކުރުތައް އަހަރެމެންނަށް ފެނުނަސް އެއަކުރުތައް ފެށިފައި އޮތީ ފަތި-ތުނޑުންނެވެ. އެ އަސްލުތައް އަދިވެސް ވަރަށް ސާފުކޮށް އިނގިރޭސި ލިޔުމުގައި ހުންނަން ހުންނާނެއެވެ. އޭގެތެރޭގައި އޭރިއަލް ރައުންޑް ފަދަ ވަށް ތުނޑަށް ބަދަލުކޮށްގެން ޑިޒައިންކޮށްފައިހުރި އިނގިރޭސި ފޮންޓުތައްވެސް ހުންނާނީ ބައިވަރު ފެނިފައެވެ. އެކަމަކު މިހާރު މިއުޅެނީ ވަށް ތުނޑެއްގެ މަތީ އުފެދިފައި އޮންނަ ތާނަ އަކުރު ފަތި ތުނޑުން ލިޔާށެވެ. އެކަން ކުރަން ބައެއް ތަކުލީފުތަކާ ކުރިމަތިވިއެވެ. ވަށް ތުނޑަކުން ލިޔަމުންދާއިރު އަކުރު ބައްޓަންވަމުންދާގޮތް ފަތި ތުނޑަކަށް ބަދަލުވީމާ ވަރަށް ތަފާތެވެ. ފުރަތަމަ ކަމަކަށް ގަޔާ ދިމާލަށް ފަތި ތުނޑު ގެނައުމަކީވެސް ކުޅަދާނަ ކަމަކަށް ނުވެއެވެ. ފަތި ތުނޑުން ރީތިކޮށް ލިޔާނަމަ ގަލަން ގެންދަންޖެހެނީ މަތިން ތިރިއަށް ނުވަތަ ގަޔާ ދުރަށެވެ. އެހެންކަމުން ގަޔާދިމާލަށް ލިޔެވޭ ތާނައިގެ އާންމު ބައްޓަން ދޫކޮށްލައި، ޖެހުނީ މޮޑިއުލަރ ތާނައަކަށް ބަދަލުކުރާށެވެ.

ތާނައިގެ މޮޑިއުލަރ އަކުރު ސިސްޓަމަކަށް

ތުއްތު ސާހިބު ފަރުމާ ކުރެއްވި އަތިރީގޭ ތާނަ (ވަޑާންކަށި ތާނަ)

ތާނައިގެ މޮޑިއުލަރ އަކުރު ސިސްޓަމަކަށް ފަރުމާކުރެވިފައި ހުރި އެކި ފޮންޓުތައް މިހާރު މަދުމަދުން ފެނެއެވެ. އެންމެ ފުރަތަމަ ސީދާ ގޮޅިތަކަކަށް ފެތޭނެހެން ފަރުމާކުރެވުނު ތާނައަކީ ހިމިތީ އަބްދުالله އިސްމާއިލް (ތުއްތު ސާހިބު) ފަރުމާކުރެއްވި އަތިރީގެ ތާނަަ ނުވަތަ ވަޑާންކަށި ތާނައެވެ. މި އަކުރުތަކަކީ (ފިލި ޖަހާ ނަމަ) އަކުރުގެ ފަހަތަށް ފިލި ޖަހާގޮތަށް ފަރުމާކޮށްފައިވާ އަކުރު ސިސްޓަމެެކެވެ. މިއީ ދިވެހި ޓައިޕޮގްރަފީ ކުރިއަރުވަން މިހާތަނަށް މީހަކު ހުޅުވާލަދިން އެންމެ ބޮޑު ދޮރެވެ. އެކަމަކު އޭގެ ބޭނުމެއް ކުރާނެ މީހަކު ހުރިއްޔާތާއެވެ. އަތިރީގޭ ތާނަ ނުވަތަ ވަޑާންކަށި ތާނައަކީ އާންމު ތާނަ ލިޔެއުޅޭ މިސްރާބާ މުޅިން ތަފާތުކޮށް މަތިން ތިރިއަށް އަދި ކަނާއަތުން ވާއަތަށް ސީދާވާހެން ފަރުމާކުރެވިފައިވާ އަކުރު ބަރި އެކެވެ. އާންމު ތާނައާއި ހިލާފަށް ވަޑާންކަށި ތާނައިން އަކުރުތަކުން އަރަބި އިނގިރޭސިފަދަ ބޮޑެތި އަކުރުތަކުން ގެންގުޅޭ ޓައިޕޮގްރަފީގެ ހުރިހާ އުކުޅުތަކެއް ބޭނުންކުރެވޭނެއެވެ. ބްލެކް ލެޓަރ ލިޔާގޮތަށްވެސް މި އަކުރު ސިސްޓަމުން ލިޔެވެއެވެ.

ބަބުރުތާނަ ޑިޒައިން ކުރުމަށް އެކި އަކުރު އެކިގޮތްގޮތަށް ލިޔެގެން ބެލި އިރު އަތިރީގޭ ތާނައިގައި ދިވެހިން ކިޔަން އުނދަގޫބައެއް އަކުރުތައް ހުރުމުން ތަންކޮޅެއް ކިޔަން ފަސޭހަ ބައްޓަންތަކަށް އެއަކުރުތައް އަލުން ލިޔުނީމެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ފިލީގެ މައްސަލައެވެ. ކިޔަން ފަސޭހަކޮށް ލިޔެފިއްޔާ ލިޔަން އެންމެ ރީއްޗެއް ނޫނެވެ. ލިޔަން ރީތިއްޔާ ކިޔަން އުނދަގޫ ގޮތްތަކެއް ހުރެއެވެ. ވަކިން ހާއްސަކޮށް މިޒާތުގެ ފަތި-ތުނޑު ލިޔުމުގައި ގަލަމުގެ މިސްރާބު ގެންގުޅޭ ގޮތުން ބައްޓަމަށް ބައެއް ބަދަލު ގެންނަން ޖެހޭއިރު ގެންނަ ބަދަލުތަކުން ކިޔަން އުނދަގޫތަކެއް ދިމާވެއެވެ. ކޮންމެއަކަސް ފުރަތަމަ ފޮންޓަކަށް އަހަރެން ހުށަހަޅާ ފިލިތައް ތިރީގައި އެވަނީއެވެ. އެންމެ ބޮޑު ތަފާތަކަށް ފެންނާނީ އުބުފިއްޔާއި އެބެފިލީގައި ދެކޮޅަށް އަކުރު އެނބުރުމުގެ ބަދަލުގައި ތިކިޖެހުމެވެ. ދެމޭ ފިލީގައި ދެތިކި ޖެހިފައި ވާނެއެވެ. ޑިޒައިން ކުރީރު އާންމު ތާނައިގައި އޮންނަހެން ކޮޅު އަނބުރައިގެންވެސް އަޖުމަ ބެލީމެވެ. ނަމަވެސް ފޮންޓުގެ ބާވަތާއި އަސްލާއި އެއްގޮތްކުރުމަށްޓަކައި ކިޔަންފަސޭހަވުން މިހާލަތުގައި އެއްކައިރިކުރީއެވެ.

މިޒާތްޒާތުގެ ލިޔުން ފިލިޖަހައިގެން ލިޔުމަކީ ތަކުލީފެކެވެ. ފިލި ޖެހިދާނެއެެވެ. އެކަމަކު ޖަހައިގެން މައްސަލަތަކެއް ނުކުތުން ގާތެވެ. އަހަރެންގެ މިޒާތުގެ ފޮންޓެއް މީހަކު ބޭނުންކުރާނަމަ އަހަރެން ބުނާނީ ފުރަތަމަ ފިލި ނުޖަހާ ގޮތް ބަލާލުމަށެވެ. ސަބަބަކީ އަތިރީގެ ތާނަ ފަދަ މޮޑިއުލަރ އަކުރުތަކަކީ އާންމު އުސޫލެއްގެ ގޮތުން ޑިސްޕްލޭ ޓައިޕް ނުވަތަ ބޮޑު އަކުރު ކެޓެގަރީގެ އަކުރެވެ. މިހުންނަނީ ކުރު ލިޔުންތަކަށް ހާއްސަ، ދިގު ލިޔުންތައް ލިޔަން އެންމެ ރަނގަޅު ނުވެދާނެ އަކުރެވެ. ކުރު ދެތިން ބަހެއްގައި ފިލި ނުޖެހުމަކުން މީހަކަށް އޮޅޭނެ އެއްޗެއް ގިނަ ފަހަރު ނޯންނާނެއެވެ. ނަމަވެސް މިއީ އަހަރެންގެ އަމިއްލަ ހިޔާލެވެ. ފޮންޓު ބޭނުންކުރާނެ ގޮތެއް އިނގޭނީ ބޭނުންކުރާ މީހަކަށެވެ.

ބަބުރުތާނައަކީ ތާނަ ޒަމާނީ ކުރުމުގެ އެއްވެސް މަގުސަދެއްގައި ފަރުމާކުރި ފޮންޓެއް ނޫނެވެ. މިއީ ތާނައިގެ އަކުރު ސިސްޓަމްތައް ޓައިޕޮގްރަފީގެ ޒަމާންވީ އެކިއެކި އުކުޅުތަކާއި ކެލިގްރަފީ އަދި ބޮޑުއަކުރުގެ ބައެއް ގޮޅިތަކަށް ފައްތައިގެން ލިޔެވެން ހުރި ގޮތްތައް ބަލައި ދިރާސާކުރުމުގެ ބޭނުމުގައި ކުރެވުނު ތަޖުރިބާއެކެވެ. މީގެ ހައެއްކަ އަހަރު ކުރިން ހެދި އަކުރުތަކަކަށް މިހާރު ބަލައިލާއިރު ގެނެވެންހުރި އިތުރު ބަދަލުތަކާއި އާ އީޖާދު ކުރެވޭނެ ކޮޅުމަތި ފެނެއެވެ. ތާނައާއިބެހޭ އާ ސުވާލުތަކެއް އުފެދެއެވެ.

ގުޅޭ ބައެއް ލިޔުން

https://www.hassanhameed.com/improving-thaana-writing-system/

ޖެހިގެން އިން މަޝްރޫޢު

ކުރިއަށް

Redhan Han'dhuvaru Illustration
Redhan Han'dhuvaru Illustration

Checkout

Baburu Thaana - Exploring Blackletter type on Thaana

MVR 500

Bank of Maldives

Account Name: Hussain Waheedh