



Fonts
ތާނައިގެ އަތުލިޔުމާއި ބޮޑުއަކުރު ލިޔުމަކީ އަބަދުވެސް އާދަޔާހިލާފު ރީތިކަމެއް އަހަރެންނަށް ފެންނަ ލިޔުމެކެވެ. އަމިއްލަ ބަސް ދޮންފުތުވުމުގެ ބޭރުންވެސް ދުނިޔޭގެ އެކި ބަސްބަހުގެ ލިޔުންތަކާ އަޅާބަލާލާއިރު ފާހަގަކޯށްލެވޭ ރީތި ގެތުމެއް ދިވެހި އަތުލިޔުމުގައި އޮންނަކަން އަބަދުވެސް ފާހަގަކުރެވެއެވެ. މިރީތިކަން ޑިޖިޓަލް ފޮންޓެއްގެ ސިފައިގައި އޮތަތީ މިވީހާތަނަށް މަށެއް ނުދެކެމެވެ. އޭރާއި ހަމަޔަށް ގިނަ ދިވެހި ފޮންޓުތަކަކީ ރަސްމީ ފޮންޓެވެ. އޭރުގެ ނުރަސްމީ ފޮންޓުތަކަކީވެސް ފަހަރަކު އަކުރަކާ ފިއްޔެއް ޖެހެމުންދާ އަކުރާއި ފިލި ވަކިވެފައިހުރި ފޮންޓުތަކެކެވެ. ގްރެފިކްޑިޒައިން ކިޔަވަން އުޅުން އިރު ޓައިޕޮގްރަފީއަށް އޮންނަ ލޯތްބެއްގައި، ފަހު ސެމިސްޓާގެ ބޮޑު ޕްރޮޖެކްޓަށް ތާނަ އަތުލިޔުމުގެ ފޮންޓެއްހަދަން ކިތަންމެ ބޭނުންވިޔަސް އެކަމާ އުޅެން ނުކެރިފައި ހުރީ ކަމުގެ ޓެކްނިކަލް އިލްމަށް އަހަރެން ނުފަރިތަކަމުންނެވެ. އަދި އަމުދުން ބޭރު ބަޔަކު މާކުކުރާ ޕްރޮޖެކްޓަކަށް މި ފޮންޓުހެދުމުން އެކަނި ނުފުދޭނެތީއެވެ. ފޮންޓު ހަދާފައި ފޮންޓުގައި ވާނުވާ ކިޔާދެވޭނީ ދިވެހި ބަހާއި ތާނައިގެ ވާނުވާވެސް އަލުން ބަލުން ކިޔާދީފައިކަމުންނެވެ.
ބޮޑުއަކުރު އެޅުން ފަދަ ޓައިޕޮގްރަފީގެ އެހެން ކަންކަމުގައި އުޅެވިފައި އޮތަސް، އެވީހާތަނަށް އަހަންނަށް ފޮންޓުހެދުމާ ގުޅޭގޮތުން ދަސްވެފައިއޮތީ އަހަރެންގެ ޓައިޕޮގްރަފީ ޓީޗަރު ވިނޯދުގެ ކުލާހުގައި ނެގި ލެޓިން އަކުރުތަކުގެ ބައެއް ޓައިޕޮގްރަފީ ފިލާވަޅުތަކުން ދަސްވިއެއްޗެއް އެކަންޏެވެ. ލެޓިން އަކުރާއި ތާނައިގެ ފަރަގު ވަރަށް ބޮޑެވެ. ލެޓިންއަކީ އެންމެ އަކުރު ބަރިއެކެވެ. ލެޓިން އަކުރު އަތުރާއިރު އެންމެ ރޮނގެއްމަތީ ފިއްޔަކަށް ނުބަލާ އަތުރާލެވެއެވެ. ވިސްނަން ޖެހެނީ ޖެހިގެން އޮންނަ އަކުރުބަރިއަށް އެކަންޏެވެ. ތާނައަކީ އަކުރުބަރިއަކާއި އޭގެ މަތީގައި ހުންނަ ފިލި ބަރިއަކާއި ތިރީ ފިލި ބަަރިއެއް ހިމެނޭހެން 3 ބަރީގެ ލިޔުމެކެވެ. އަަރަބި ލިޔުމުގައިވެސް ތާނައިގައި ހުންނަހެން ފިލިބަރި ހުރެއެވެ. ވިސްނަންޖެހޭ އަނެއް ކަމަކީ ތާނައިގެ އާންމު ފޮންޓުތަކުގައި އަކުރު ވަކިން ފިލި ވަކިން ޖެހުމުން ފުދުނަސް، ތާނަ އަތުލިޔުމުގައި ހުންްނާނީ އަކުރާއި ފިލި ގުޅިފައި ކަމުންނެވެ. މާނަޔަކީ އަތުލިޔުމުގެ ފޮންޓެއް ހަދާނަމަ އަކުރާއި ފިލީގެ 3 ބަރި އޮންނަންވާނީ އެކުއެކީ ގެތިފައެވެ. އެންމެ އަކުރުބަރިއެއް އޮންނަ އިނގިރޭސި އަތުލިޔުމުގެ (ކާސިވް) ފޮންޓު ހެދުމަކީވެސް ތަކުލީފެކެވެ. ދެން އަދި 3 ބަރީގެ ފޮންޓެއް ހަދަން ކިހާވަރެއްގެ ކަމަކަށް ވާނެތާއެވެ.
މިކަންކަން މިހެން ހުރުމުންނާއި، ކުރިން ބުނިހެން އެހާތަނަށް އަތުލިޔުން ރަމްޒުކޮށްދޭ ފޮންޓެއް ނެތުމުން ޖެހުނީ އަމިއްލައަށް އަވަސް އަކުރުން ކަރުދާހުގައި ލިޔެ، އަކުރު ވަކިކުރެވޭ ގޮތާއި އެކުވާ ގޮތް ފޮންޓަކަށް ތިލަކުރެވޭނެ ގޮތްތައް ހޯދާށެވެ. އެގޮތުން ގިނަ ބައިވަރު ލިޔުންތައް ބަލާ ހޯދައި އަމިއްލައަށް ވަރަށް ގިނަ ގޮތްގޮތަށް އަވަސް އަކުރުން ލިޔުނީމެވެ. ލިޔަމުން އިލުސްޓްރޭޓަރގައި އެއަކުރުތައް ކުރުހަމުން ގެންދިޔައިމެވެ. އެކި ވައްތަރުގެ މާކަރާއި ގަލަން ޓެސްޓުކުރަމުން ދިޔައިރު އަކުރުތައް އެންމެ ރަނގަޅަށް ދައްކުވައިދޭ ތުނޑެއް ކަމަށް ފެނުނީ ބުރުސް ތުނޑެވެ. ބުރުސް ތުނޑަކީ އިހުޒަމާނުގައި ކަށިކެޔޮ މުލުން ބޮޑުއަކުރު އަޅަން ބޭނުންކުރި ތުނޑެކެެވެ. ބުރުސް ތުނޑު ފަސޭހަވަނީ އަކުރު އަޅާއިރު ބައެއް އަކުރުގެ ބައެއް ތަންތަންކޮޅަކީ އަކުރުގެ އެހެން ބައެއް ތަންތަނަށްވުރެ ސާފުކޮށް ވަކިވާން މުހިންމު ތަންތަން ކަމުން، ބުރުސް ފިތޭތަންތަން ބޯވެފައި ބުރުސް ލުއިކޮށް ޖައްސާ ތަންތަން ހިމަވާތީ އެ މުހިންމުވާ ތަންތަން ސާފުކޮށް ދައްކަން ފަސޭހަކަމުންނެވެ. އާދައިގެ ތުނޑެއްގައި ލިޔާނަމަ ހުރިހާ އަކުރެއްގެ ހުރިހާ ދިމާލެއް ހުންނާނީ އެއް ބޯމިނެއްގައި ކަމުން ބައެއް އަކުރު ކިޔަންއިނގޭ ގޮތަށް ކުރުހަންޏާ ގަސްތުގައި ހަޑިކޮށްލަން ޖެހެއެވެ. މިސާލަކަށް ލާމު އަކުރާއި ޅަވިޔަނި މި ދެއަކުރުގެ ތަފާތު ދައްކަންޏާ ޖެހޭނީ މަތީބައިގެ ވަތް ދުރުކޮށްގެން ލިޔާށެވެ. ދެން އަދި އަކުރުގައި ބާކީ ބޮޑު ބައެއް އޮވެއެވެ. އެ ބޯމިނުގައި ބާކީބައި ލިޔެފިނަމަ އަކުރު އެހެން އަކުރުތަކަށްވުރެ މާބޮޑަށް ބިޔަ ވެއެވެ. ދެން އެހެން ފޮންޓުތަކުގައި ހަދާފައި ހުންނަ ގޮތަކީ ބާކީބައި ކުރުކޮށްލުމެވެ. އޭރުން ލިޔެއުޅޭ ލާމުގެ ސިފަ އޮންނަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ނަމަވެސް ބުރުސް ތުނޑުގައި އެވަތްދުރުކޮށްފައި ދެން އަކުރުގެ ބާކީ އޮންނަބައި ދިގުކޮށް ނަމަވެސް ހިމަކޮށް ލިޔުމުން އަކުރުގެ އަސްލު ސިފަ ނުގެއްލި ސާފުކޮށް ކިޔަންވެސް އިނގޭނެގެން އެ އައިބުތައް ފޮރުވާލެވޭ ކަމަށް ފެނުނެވެ.
މިހެން ލިޔަމުން ފޮންޓުގެ ހުރިހާ އަކުރަކާއި ފިއްޔެއް ނުގުޅުވައި ވަކިން ޑިޒައިންކޮށް ނިންމާލީމެވެ. 24 އަކުރާޢި 10 ފިއްޔެވެ. އަދި އާންމު ފޮންޓެއްގައިހެން އަކުރުތަކާއި ފިލި ފޮންޓްލެބްގައި އަތުރާލައި އާދައިގެ ފޮންޓަކަށް ބޭނުން ކޮށްލެވޭވަރު ކޮށްލީމެވެ. މިކަމަށް ދެތިން ހަފްތާ ހޭދަވިއެވެ. ހާއްސަކޮށް އަކުރުތަކުގެ ދުރުމިނާއި ކައިރިމިނާއި އެކި އަކުރުގައި އެކި ފިލިޖެހުމުން އެތުރުމަށް ޖެހޭ މައްސަލަތައް މައިތިރިކުރަން ގިނަ ވަގުތުތަކެއް ހޭދަވިއެވެ. ކޮންމެ ބަދަލެއްވެސް ގެންނަނީ އަބަދުވެސް އަކުރުގެ އަސްލުނުގެއްލޭނެހެން، ސާފުކޮށް ކިޔަން އިނގޭނެހެން، ދުރަށް ރީތިވާނެހެން ވިސްނައިގެންނެވެ.
ފޮންޓުގެ ފުރަތަމަ ބައި ނިމި ދެން ފެށުނީ އަވަސް ލިޔުމުގައި ހިމެނޭ އަކުރުތައް ވިޔުމުގެ ގުޅިގެން އަންނަ ވިޔުމުގެ ބައެވެ. ރޯނު މުޅި ޕްރޮޖެކްޓުގެ ބޮޑުބައި ހޭދަވީ މިކަމުގައެވެ. ކުރިން ކުރި މަސައްކަތް އެތައް ގުނައަކަށް އިތުރުވީއެވެ. ފޮންޓުގައި ރަޖިސްޓަރ ވާ ކޮންމެ ބައްޓަމަކަށް ކިޔަނީ ގްލިފެކެވެ. ކޮންމެ އަކުރަކީ އަދި ކޮންމެ ފިއްޔަކީ ގްލިފެކެވެ. އަދިހަމަ އެހެން އަކުރަކާއި ފިއްޔެއް ގުޅިފައި އޮންނަ އެއް ބައްޓަމަށް ހެދުމުން އެއީވެސް އެއް ގްލިފެވެ. މާނައަކީ ކޮންމެ އަކުރަކާ ކޮންމެ ފިއްޔެއް ގުޅޭ ކޮންމެ ގުޅުމަކީ ވަކިން ޑިޒައިން ކުރަން ޖެހުނު ގްލިފެކެވެ. މިސާލަކަށް ސީނުގައި 10 ފިލި ޖެހުމުން ވަކިގޮތެއް ވަންޏާ ސީނުގެ އަކުރުގެ 1 ގްލިފާއި ކޮންމެ ފިއްޔަކާއެކު އިތުރު 10 ގްލިފް ޑިޒައިންކޮށް އެފިއްޔަކާ ގުޅޭތަނަށް އެ ގްލިފް ކޯޑުކުރަން ޖެހުނީއެވެ.
މިހުރިހާ ގުޅުމެއް ޑިޒައިން ކުރަންޖެހެނީ މުޅި ލިޔުންގަނޑުގެ އެތުރުމައް އަންނަ ބަދަލުތަކަށް ބަލައި ފައިހަމަކުރުންތައް ހިފަހައްޓަމުންނެވެ. ކިޔޭތޯ، ކިޔަން އިނގޭތޯ ބަލަމުންނެވެ. އެގޮތުން މާގިނަ ފިއްޔާއި އަކުރު އެއް ގްލިފަކަށް އެކުވާނަމަ ލިޔުންގަނޑު ކިޔަން އުނދަގޫވާކަމަށް ފާހަގަވިއެވެ. އެހެންކަމުން އެއް އަކުރަށްވުރެ ގިނަ އަކުރު އެއްނުކުރާން ނިންމީމެވެ. ނަމަވެސް އެއް އަކުރާއި އެއަކުރުގެ ފިއްޔާއި ކުރީ ފިލި ހިމެނޭހެން 3 ގްލިފް އެއްކޮށް ބައެއް ގްލިފް ޑިޒައިން ކުރީމެވެ. މިސާލަކަށް ހާސް މިހެން ކިޔާއިރު ހ ފިޔަވާ ބާކީ އޮތް 2 ފިއްޔާއި 1 އަކުރު އަންނާނީ ގުޅިގެން 1 ގްލިފްގެ ގޮތުގައެވެ. ތާނައިގެ އިތުރުން ލެޓިން އަކުރުވެސް ޑިޒައިން ކުރީމެވެ. އެވެސް ހަމަ އަވަސް އަކުރުން އަކުރުތައް ގުޅޭ ގޮތަށެވެ.
ފޮންޓު ގެތުމުގެ ކަވި މަސައްކަތް ކުރަމުން ދިޔައިރު ފޮންޓުގެ ވާހަކައާއި ޕްރެޒެންޓޭޝަންގެ މަސައްކަތްވެސް ދިޔައީ ކުރެވެމުންނެވެ. އެގޮތުން ރާއްޖެއާއި އެކި ގައުމުތަކުގެ އަކުރު ދައްކުވައިދޭ އެކިއެކި ޑިޒައިންތަކާއި ލިޔެކިޔުންތައް އަސްލަކަށް ބަލައި، ރޯނުގެ އެނިމޭޝަން، ޕޯސްޓަރު، އިސްޓިކާ އަދި ރޯނުގެ މުޅި ވާހަކަ ކިޔައިދޭ ފޮތެއް ޑިޒައިން ކުރީމެވެ. ފޮންޓާބެހޭ އަދި ފޮންޓުގެ އަސްލުކަމަށްވާ ރާއްޖެއާއި ރާއްޖޭގެ ސަގާފަތާ ބެހޭ ފޮޓޯއާއި ލަވަޔާއި ގްރެފިކް ބޭނުންކޮށްގެން ޑިޒައިންތައް ހެދީމެވެ. އެނިމޭޝަންތައް ހެދީ ފޮންޓުގެ ބޭނުންކުރާއިރު ފެންނާނެގޮތް ދައްކުވައިދޭށެވެ.
ޕޯސްޓަރުތައް ބަހާލީ ދެބަޔަކަށެވެ. އެއީ ފޮންޓުގެ ވަކިވަކި އަކުރު ދައްކުވައިދޭ ބަޔަކާއި، ފޮންޓުގެ ލިޔުމުން ބައެއް އެހެން ވާހަކަތައް ކިޔައިދޭ ބަޔަކަށެވެ.
ރޯނު ޕްރޮޖެކްޓަކީ ކަމުގެ ބޮޑުކަމުން ފަށަން ފަސްޖެހެވިފައި ހުރެވުނަސް، ލައްކަ މަސައްކަތާއި ވަގުތު ހޭދަވި، ފުދޭވަރަކަށް އެއްޗެހި ދަސްވި، ނިންމާލެވުމުން ވަރަށް ހިންހަމަ ޖެހުނު މަސައްކަތެކެވެ. ފޮންޓާއި ފޮންޓު ކިޔައިދޭން ކުރެވުނު ޑިޒައިންތައްވެސް ހިންހަމަޖެހޭވަތަށް އަމިއްލައަށް ޑިޒައިން ކޮށްލަން ލިބުނެވެ. އަދި ފެށިއިރު ބުނިހެން ބޭރުގެ ޕެނަލްއަކުން ޖަޖްކުރާތީވެ ހަމައެކަނި ފޮންޓެއް ހެދުމުގެ ބޭރުން ތާނަ ލިޔުމާއި ތާނައިގެ އަވަސްލިޔުމުގެ އަސްލުތަކާއި ހިނގާނުހިނގާ ކިޔައިދޭން ކުރެވުނު މަސައްކަތްވީ މަށަށްވެސް ކުރިން ނޭނގޭ އަދި ފަހުމްވާން ބޭނުންވެފައިހުރި ކިތަންމެ ކަމެއް ވަރަށްބޮޑަށް ސާފުވެގެން ދިޔަ މަސައްކަތަކަށެވެ.
MVR 3000