



BLOG
އަށްޑިހައިގެ އަހަރުތައް ހަމަ ފެށުނީއެވެ. މައިކަލް ފްރީޑެލް އާއި ޗަކްބޮޔޭފަދަ ފޮޓޯގްރާފަރުން ރާއްޖެއައިސް ނެގި ވިލުތަކާ ރުއްގަހާ ސުން ޑިގުރީގެ ދިވެހި ރަށްތަކާއި މިތާ އުޅޭ ދިވެހިންގެ ފޮޓޯތަކަށް ބޭރުދުނިޔޭގެ ކަޅިތައް ހުއްޓެމުން، މިދިމާލަށް މިސްރާބުޖަހާ މީހުންގެ އަދަދު ގިނަވަމުންދެއެވެ. ކަނޑާ މޫދާ ފެނުމަތިން ފެންނަމުންދިޔަ މަންޒަރުތައް އޭރުގެ ގޮތުގައި “ވައިރަލް" ވަމުން ދިޔައިރު މޫދުގެ އަޑި އޮތީ އަދި ހަމަ ރޮލާއެވެ. އަހަރެމެންގެ ކަނޑުއަޑި ދުނިޔެއަށް ދައްކާލަދިން އެންމެ ފުރަތަމަ މީހުންގެ ތެރެއިން އެކަކީ ހުސައިން ރަޝީދު ނުވަތަ އާންމުކޮށް ދަންނަ ނަމުން ނަމަ ސެންޑީ އެވެ.
ސެންޑީ ކިޔައިދިންގޮތުން 1981 ގައި އެންމެ ފުރަތަމަ ޑައިވަކަށް ފޭބި އިރުވެސް އަތުގައި ކެމެރާއެއް އޮތެވެ. އެއީ އޭނަޔާއެކު ޑައިވިނަށް ފޭބި އެހެން މީހަކު ދިން ކެމެރާއެކެވެ. އޭގެ މަރުކާވެސް އޭނާ މިހާރު ހަނދާނެއް ނެތެވެ. ސެންޑީއާއެކު ފަހުން ފޮޓޯ ނަގަން އުޅުނު މުސްތާގު ސެންޑީއަށްވުރެ ކުރިން އަޑިއަށް ފޭބީ އަދި މާތަފާތު ގޮތަކަށެވެ. ފީނާ މާސްކުތެރެއަށް ކެމެރާއެއް ލައިގެންނެވެ. ކަނޑުއަޑީގެ ފޮޓޯނެގުމުގެ މާބޮޑު އިލްމެއް، ފޮތެއް، ޓިއުޓޯރިއަަލެއް، ކިޔަވާ ކޯހެއް އެކައްޗެއްވެސް ލިބޭނެފަދައެއް ނެތް ދުވަސްވަރަކު، އަގުބޮޑު ކެމެރާއެއް ހިފައިގެން ކަނޑުއަޑިއަށް ފައިބަން އާދައިގެ މީހަކު ހިޔާލަށްވެސް ނުގެންނާނެފަދަ ދުވަސްވަރަކު، ސެންޑީއާއި އެކުވެރިން އެކަން ކުރީ އަޖުމަބެލުމާއި ދަސްކުރުމުގެ ނިޔަތުގައެވެ. ދަސްކުރާނެ ގޮތްތައް ނެތްއިރު ދަސްކުރެވެން އޮތް ހަމައެކަނި ގޮތަކީވެސް ކެމެރާ ހިފައިގެން ފުންމާލުން ކަމަށް ދެކިގެންނެވެ.
ސެންޑީގެ ހަޔާތާއި ކަނޑާ އޮތް ގުޅުން ފެންނަ ބައެއް ފޮޓޯ / އޭނާގެ ފޭސްބުކުން
ކޮންމެއަކަސް ފުންމާލައި މިކަމެއް ފެށިއްޖެއެވެ. އެންމެ ފުރަތަމަ އަޑީގައި ނެގީ މާގަނޑުމަސް ނުވަތަ ކްލައުން ފިޝްއެއްގެ ފޮޓޯއެކެވެ. އެންމެ ފުރަތަމަ ފޮޓޯނެގި ކެމެރާ ހަނދާންނެތަސް އޭގެ ފަހުން ނިކޮނޯސްގެ 1 2 3 އަދި ނިކޯން އެސް 3 ފަދަ އެތައް ކެމެރާއެއް އޭގެ ހައުސިންއާއެކު ބޭނުންކޮށްގެން އަޑީގެ ފޮޓޯ ނެގިއެވެ. އޮޓޮމޭޓެޑް ނުވަތަ އިލެކްޓްރޯނިކް އެއްވެސް ސިފައެއް އެ ކެމެރާތަކުގައެއް ނެތެވެ. މުޅިންވެސް މެނުއަލް އެވެ. އޮޓޯ އިން ފޯކަސް ކުރުމާއި، ހަމަ ނަގާތަނުން ނެގި ފޮޓޯ ބަލާލެވުމާ، އިލެކްޓްރޯނިކް ފިތްތަކާ ޓަޗްކުރެވޭ ސްކްރީނުތަކަކީ އަދި ހިޔާލަށްގެނެވޭ ކަންކަމެއް ނޫނެވެ. ކޮންމެ ފޮޓޯގަނޑަކީ ހިތުން ހިސާބުޖަހައި، ތަނާއި ވަގުތާ ހާލަތާ ފުންމިނާއި އަލިކަމަށް ރިއާޔަތްކޮށް، މިއިން ކޮންމެ ބައެއް ވަކިވަކިން ކަށިހަމަކޮށްގެން ނެގޭ ކަވި އަދި ބުއްދިން ކުރަންޖެހޭ ފަންނުވެރި މަސައްކަތެއްގެ ނަތީޖާއެވެ.
ހުވަދުއަތޮޅު ރަށެއްގެ ފަޅުތެރޭ ސެންޑީ ފީނާލަން ތައްޔާރުވަނީ / ފޮޓޯ: ސްލޯޓޭޕް
"ބޭރުން ޓުއަރިސްޓުންނާ ރައްޓެހިންލައްވާ ފޮތް ގެނުވައިގެން ހަމަ ކިޔެވީ. އަމިއްލައަށް ހަމަ ކިޔެވީ. ފޮޓޯ "ޓެކްނިކުގަ އުޅުން އިރު އެތާ ހުރި ފޮތްތަކުންވެސް ކިޔެވިން. އެއީ ބްލެކެންވައިޓުން ކުލަޔަށް ބަދަލުވި ދުވަސްވަރު“ ފަންނުވެރި ގިނަ އާޓިސްޓުންތަކެއް ހިމެނޭ މައިޒާން އާއިލާއަށް ނިސްބަތްވާ ސެންޑީ ބުންޏެވެ.
ކަނޑުއަޑި ފޮޓޯނަގަން ފެށުމުގެ ކުރިން ސެންޑީ ވަނީ ކޮންމެވެސް ވަރަކަށް ފޮޓޯގްރަފީގެ ތެރެއަށް ވަދެފައެވެ. އެގޮތުން ސްކޫލުގައި އުޅެމުން މާލޭ ފޮޓޯ ޓެކްނިކް ސްޓޫޑިއޯއަށް ވަދެ ދެތިން އަހަރު ފޮޓޯ ޓެކްނިކްގައި މަސައްކަތްކުރިއެވެ. ގޭގެއަށްގޮސް ޕާޓީތަކާއި މީހުންގެ ފޮޓޯނަގަން އުޅުމުގެ ތެރޭގައި ފޮޓޯގްރަފީގެ ބޭސިކު އޭނާ ދަސްކުރިއެވެ. ރައީސް މައުމޫނުގެ ރިޔާސީ ފޮޓޯނަގަންވެސް ދިޔައެވެ. ނަމަވެސް ކެމެރާ ހިފައިން އެއްގަމުތެރޭ އުޅެގެން އޭގެ ބައެއް އަސްލުތައް ދަސްވިޔަސް ކަނޑުއަޑީގައި ފޮޓޯ ނެގުންވީ މުޅިން އެހެން ލެވެލްއެއްގެ ކަމަކަށެވެ. އަދި ވަކިން ހާއްސަކޮށް ސްލައިޑް ފިލްމުގައި ނަގަންޖެހުމުންނެވެ.
ޕޯސްޓްކާޑް ހަދަން ރަނގަޅީ ސްލައިޑްފިލްމު ކަމަށްވާތީ ބޭނުންކުރެވެން އޮންނަނީ ސްލައިޑް ފިލްމެވެ. އާންމުކޮށް ބޭނުންކުރާ ނެގަޓިވް ފިލްމުގައި ފޮޓޯގެ އަލިމިން ފަދަ ބައެއް ކަންކަން ޕްރިންޓަށް ދިނުމުގެ ކުރިން ކުދި ބަދަލު ގެނެވުނަސް ސްލައިޑް ފިލްމުގައި ނެގޭނީ ހަމަ ”އެ ފޮޓޯ“ އެވެ. އެއަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެއްެވެސް ކަމެއް ގޯހިއްޔާ އެ ފޮޓޯގަނޑު ހަރާބުވީއެވެ. ފިލްމުގެ އަގުވެސް ބޮޑެވެ. ފިލްމެއްގައި ގިނަވެގެން ނެގެން އިންނަނީ ތިރީހަކަށް ގަނޑެވެ. މާނަޔަކީ ކޮންމެ ޑައިވެއްގައި 36 ގަނޑު ފޮޓޯ އެވެ. އެންމެ ގަނޑެއްވެސް ގޯސް ކޮށްލުން ވަނީ ގެއްލުން ބޮޑު ކަމަކަށެވެ. އެހެންކަމުން އަބަދުވެސް ނަގަނީ ފްލެޝްއާއެކު ވަރަށް ފަރުވާތެރިކަމާއެކުގައެވެ.
ޑިންގީއެއްގެ ފަށްގަނޑު މަތީ އިށީނދެލައިގެން އިނދެ ބައެއް ޒުވާން ޑައިވަރުންނާ ސެންޑީ ވާޙަކަ ދައްކަނީ / ފޮޓޯ: ސްލޯޓޭޕް
”މީހުންނަށް މިހާރު އިހުސާސްވެސް ނުކުރެވޭނެ އޭރު ފޮޓޯނަގަން ކުރަންޖެހޭ މަސައްކަތް. މިހާރު ހަމަ ފޯނެއް ގޯޕްރޯއެއް ދިއްކޮށްލާފަ ނަގަންވީދޯ؟ ކުޑަމިނުން ފްލޭޝްލައިޓުވެސް އެޖަސްޓްކުރާކަށް ހަމަ ކޮންމެ ފޮޓޯއަކަށް ޖެހޭނެ ފްލޭޝްގެވެސް ހަމަ ކެލްވިން ޑިގްރީއާ ހުރިހާއެއްޗެހި އެނގިގެން ނޫނި ހަމަ ލާހިކެއްނޫން ފްލޭޝްލައިޓުވެސް އެޖަސްޓްކުރާކަށް. އެއްވެސްކަހަލަ އިލެކްޓްރޯނިކް އެއްޗެއްސެއް ނުހުރޭ. ހުރިހާ އެއްޗެއް މެނުއަލް. ދެން ހަމަ ނަގާ ނަގާ ދަސްވީ. ފޮތުންނާ ފޮޓޯ ނަގައިގެން ފޮޓޯ ނަގަން ދަސްކުރީ. އެޕަރޗާ، ޝަޓަރ ސްޕީޑާ، ކެމެރާގެ މެކެނިޒަމް އެއްކޮށް ދަސްކުރަން ޖެހުނީ. ފޮޓޯގަނޑެއްގެ ޕްރިންޓުގެ އަގުވެސް އަރާނެ ގާތްގަނޑަކަށް 10 ރުފިޔާއަށް. އޭރު ވަރަށް ބޮޑު އެއްޗެއްނު އެއީ.“
މިކަހަލަ ހާލެއްގައި މިކަން ކުރަމުން ދިޔައީ އޭގެ ނަތީޖާއާއި މަންޒަރުވެސް ބޮޑުކަމުންނެވެ. ނޮވެލްޓީ އަލީ ހުސައިން ސެންޑީމެންގެ ފޮޓޯތައް ޕޯސްޓުކާޑާ ކަލަންޑަރަށް ޕްރިންޓުކުރަން ފަށައި މިއެއްޗެހި މާބޮޑަށް ވައިގަ ހިފީއެވެ. ހާއްސަކޮށް މިޔަރު ފޮޓޯ ފަތުރުވެރިންނަށް މާ ކަމުދާ އެއްޗަކަށް ވެއްޖެއެވެ. އަލީ ހުސައިންގެ ބެލުމުގެ ދަށުން ސެންޑީ އާއި މުސްތާގާއި އާތިފް ޖަމީލް ފަދަ ކަނޑުއަޑި ފޮޓޯނަގާ ގްރޫޕެއް ރާއްޖޭގެ އެކި ސަރަހައްދަށް ދަތުރުކޮށް ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ދިރުންތައް އޭގެ އަސްލު މާހައުލުގައި ފޮޓޯ ނަގަމުން ދިޔައެވެ.
”އޭރު އަލީ ހުސެން ޑީލް ހަދާނީ. ދަތުރާއި ހަރަދަށް ކަނޑާފަ ބުނާނެ ލިބޭވަރު. ކޮންމެ ދަތުރަކުން އާންމުކޮށް 4000-3000 ރުފިޔާވަރު ލިބޭ. އޭރު އެއީ މިނިސްޓަރެއްގެ މުސާރަ. މިހާރަށްވުރެވެސް އޭރު ފޮޓޯގެ އަގު ރަނގަޅު. މާ ޑިމާންޑް އޮވޭ. ޕޯސްޓްކާޑުގެ ޑިމާންޑު ބޮޑު. ފޮޓޯވެސް ބައެއް މީހުން ގަނޭ“
ފޮޓޯނެގުމުގައި ހޭދަވި އަހަރުތަކުގައި ސެންޑީ އެންމެ ހަނދާން ހުންނަނީ 80ގެ ތެރޭގައި މިޔަރު ފޮޓޯނަގަން އުޅުން އުޅުމެވެ. މާލެ ކައިރި އޮންނަ ލަޔަންސްހެޑް ކިޔާ ޑައިވް ޕޮއިންޓުގައި ދާ ކޮންމެ ދުވަހަކު އަށްޑިހަ ނުވަދިހަ މިޔަރު މުޅި ސަރަހައްދު ފުރާލާ އުޅޭކަމަށް އޭނާ ބުންޏެވެ. ސެންޑީ އެންމެ ނަގާހިތުން ނެގި ފޮޓޯތަކަކީ އެއީއެވެ.
މިޔަރުގެ އިތުރުން ފޮޓޯއަށް ރީތި މާހުޅުނބުލަނޑާވެސް ގިނައިން އުޅުނު ކަމަށް ބުންޏެވެ. ނަސީމު ތިލަޔާ އޮއްކޮބެ ތިލައިގައި އުޅުނު މާހުޅުނބުލަނޑާ ނުވަތަ ނަޕޯލިއަން ފިޝްތައް ކުކުޅުބިސްް ތޮށިކޮޅެއް ދައްކާލާއިރަށް ވަރަށް ފަސޭހައިން ފޮޓޯއަށް އައިސް އުޅުންކަމަށް ސެންޑީ ކިޔައިދިނެވެ. މިފޮޓޯތަށް ފަތުރުވެރިންގެ މެދުގައިވެސް ނުހަނު މަގުބޫލެވެ. މިހެން ފޮޓޯ ނަގަނަގާތިއްބާ ދެންވާންފެށީ ސެންޑީގެ ކެރިއަރުގެ މިސްރާބު ވެސް ބަދަލުކޮށްލި ގޮތެކެވެ.
ކަނޑު ފުރާލައިގެން އުޅުނު މިޔަރުތައް އާދަޔާ ހިލާފަށް މަދުވާން ފެށީއެވެ. ކަށިމިޔަރު އެއްގޮތަކަށް ވެސް ނުފެންނާން ފެށީއެވެ. ބޮޑެތިސިންގާ މާހުޅުނބު ލަނޑާތައް ގެއްލެން ފެށީއެވެ. ނުވަދިހައިގެ ތެރޭގައި ވަރަށްބޮޑަށް މަދުވީއެވެ. ދެހާސް ފެށިގެންއައި އިރު މިޔަރު އެއްގޮތަަކަށްވެސް ނުފެންނަނީއެވެ. މާލެ ކައިރިން އެކަންޏެއް ނޫނެވެ. މުޅި ރާއްޖެއިންވެސްމެއެވެ.
ސެންޑީ ކަނދެއްގައި އިށީނދެލައިގެން އިނދެ މަސްބާނަނީ / ފޮޓޯ: ސްލޯޓޭޕް
އެންމެ ފުރަތަމަ ޑައިވަށްވެސް ކެމެރާ ހިފައިގެން މާގަނޑުމަސް ފޮޓޯނަގަން ފޭބި ފޭބުން އެންމެފަހުން ބަދަލުވެގެން ދިޔައީ ކަނޑުގެ ދިރުންތަކާ ތިމާވެއްޓާބެހޭގޮތުން އާންމުންނާޢި ކަމާބެހޭ ފަރާތްތައް ހޭލުންތެރިކުރުވުމުގެ މަސައްކަތަށެވެ. އިތުރު ބައެއް ޑައިވަރުންވެގެން 2006 ގައި މޯލްޑިވްސް ޑައިވް އެސޯސިއޭޝަން އުފައްދައި، އަމިއްލަ ފަރުދީ ހައިސިއްޔަތުންނާއި، އެސޯސިއޭޝަނާއި، ދައުލަތާއި، ސަރަހައްދީގޮތުންވެސް އޭރުއްސުރެ މިއަދާއިހަމަޔަށް ދެމިހުރި މި މަސައްކަތުގެ މިހުރިހާ ލޯތްބެއް ފެށުނީ ހަމަ ފޮޓޯގްރަފީގެ ތެެރެއިންނެވެ.
ސެންޑީގެ ވާހަކަތަކުން ފޮޓޯގްރަފީގައި ހިނގާދިޔަ ސާޅީހަކަށް އަހަރުގެ ދެކޮޅުގެ ތަފާތު އަޅާކިޔާލެވުނެވެ. އެންމެ ފޮޓޯގަނޑެއް ނަގަން އުޅުނު ހާލާއި، އަމިއްލައަށްގޭގެ ފާހާނައިގައި ޑާކްރޫމެއް ހަދައިގެން އެފޮޓޯތައް ޕްރޮސެސްކުރި ގޮތާއި، ނޮވެލްޓީން، ނޫނީ އެހެން ތަަނަކުން އެ ފޮޓޯތައް ޕްރިންޓުކުރި ގޮތާއި، މިހުރިހާކަމެއް މިހާރު ފޯނުގައި ދެފަހަރަކު އިނގިލި ޖައްސާލައިގެން ކޮށްލެވޭ ކޮށްލެވުމުގެ ތަފާތު އިހުސާސްކޮށްލަން ހަގީގަތުގައިވެސް އުނދަގުލެވެ. އޭރާ ބަލާފައި އަހަރެމެންނަކަށް ކުރާކަށް، ދަސްކުރާކަށް، ނިސްބަތުން މާގިނައެއްޗެއް މިހާރަކު ނޯވެއެވެ. ދެން ސުވާލަކީ ވަޒަން ކުރަން ނޭނގޭ އަގެއް، ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ކުރާ ކަމެއްގައި އޮވެދާނެ ބާވައެވެ؟
MVR