Huseyynu

Dhaalu Raa - Telling Dhivehi stories

Design Commentry

ދާލުރާ: ދިވެހި ރާއްޖޭގެ ވާހަކަތައް ކިޔައިދިނުން

ފެށުނުގޮތް

ދާލުރާ އަކީ މިހާރު ނޫހުގެ ނިއުސްރޫމުންނާއި ޖޭޒް ކެފޭ ކޮފީމޭޒުމަތިން ހަމްދޫން އާއެކު ދެކެވުނު ދިވެހިންނާއި ދިވެހި ތާރީހާބެހޭ އެކިއެކި ވާހަކަތަކުތެރެއިން ނުކުތް ހިޔާލެކެވެ. ހަމްދޫން ގިނައިން ކުރި މަސައްކަތަކީ ތާރީހުގެ އެކިއެކި ކަންކަން ހޭވުމެވެ. އެގޮތުން ބޮޑެތި މަޒުމޫނުތައް ލިޔަމުން ދިޔައިރު އެވާހަކަތަކުގެ ތެރެއިން ފެންނަމުންދިޔަ އެކިއެކި އިތުރު ވާހަކަތަކާއި ޑީޓެއިލްތަތަކަކީ އާންމުކޮށް މީހުންނަށް ނޭނގޭ ވާހަކަތައްކަމާއި މީހުންގެ ޝައުގު އެކަންކަމަށް ހުންނާނެކަމުގެ ވާހަކަ އޭރުވެސް އަހަރެމެން ކިޔަމެވެ. ނަމަވެސް އެކަންކަމުގެ ވާހަކަ ކިޔައި ދައްކާނެ މާބޮޑުތަނެއް ނެތެވެ. މަޖައްލާތައް ނެތިއްޖެއެވެ. ނޫސްތައް އޮންނަނީ ސިޔާސަތައްގޮސް އޮބާލާފައެވެ. ސޯޝަލްމީޑިޔާގައިވެސް އޭރަކު މިޒާތުގެ ޕޭޖުތަކެއް ނޫޅެއެވެ. އެކަމަކު މިވާހަކަތައް މީހުންގެ ދޫމަތީ އެނބުރުން މުހިންމުކަން، ހާއްސަކޮށް ޅަކުދިންނަށް މިކަންކަން ފެންނާނެފަަދައެއް ބޭނުންތެރިކަމަށް ދެކި ދ.ރ. ގެ ނަމުގައި އޮންލައިން ޕޭޖެއް އުފެއްދީމެވެ.

ދ.ރ. ގެ ދިގު ގޮތަކީ ދިވެހި ރާއްޖެއެވެ. މުޅި ޕްލެޓްފޯމަކީ ދިވެހި ރާއްޖޭގެ މީހުންނާއި، ހާދިސާތަކާއި، ޅެންވެރިކަމާއި، ފަންނުވެރިކަމާއި، ސަގާފަތާއި، އަަހަރެމެންގެ ވާހަކަތަކާއި އައިޑެންޓިޓީ ތަންކޮޅެއް ތިލަކޮށް ފަސޭހައިން ބަލާ ކިޔާލެވޭނެ ގޮތަކަށް ކިޔައިދޭން އުފެއްދި ޕްލެޓްފޯމެކެވެ. ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވި ދުވަސްވަރު ރާއްޖެ ގެނައި ޕެޝަންފުރުޓަށް ޖުމްހޫރީ މޭވާ ކިޔުނުގޮތް ކިޔައިދިން ޕޯސްޓަކުންފަށައި ފުރަތަމައިނުންވެސް ރަގަޅު ތަރުހީބެއް ދ.ރ. އަށް ލިބުނެވެ.

ދިރާސާ: ފޮތްފޮށި ހޭވުމާއި ތަންތަން ކޮނުން

ދ.ރ. ގެ މަސައްކަތްތަކުގައި ދެމީހުން ކުރަމުން އައީ ދެކަމެކެވެ. ހަމްދޫން ދިރާސާކޮށް ވާހަކަ ލިޔުމުން ލިޔުންތަކަށް ބަލައިގެން ޑިޒައިންތައް އަހަރެން ކުރަނީއެވެ. ލިޔުންތަކާއި ޑިޒައިން ބަހައްޓަނީ ކަމުގެ އަސްލު ނުގެއްލޭނެ ގޮތަށެވެ. އަހަރެމެންގެ ބޭނުމަކީ ހަމައެކަނި އެވާހަކަތައް ކިޔައިދިނުމެއް ނޫނެވެ. ބޭނުމަކީ އެޕޯސްޓުތަކަށް މީހުން ހުއްޓިލައި، އެ ޕޯސްޓުގައިވާ މަންޒަރުތަކާއި އެދުވަސްވަރަކާ އެ ހާލަތެއް ނުވަތަ އެ މީހެއްގެ މަސައްކަތަކަށް ކޮންމެސް ވަރަކަށް ވިސްނާލައި ފިކުރު ހިންގާލެވޭނެ މާހައުލެއް އުފެއްދުމެވެ.

އަހަރެމެން ދިވެހިންނަކީ 5 އަހަރު ދައުރެއްގެ ބުމަރެއްގައި އެނބުރޭ ވަހުތާނެއްގައި ތާށިވެފައިތިބި ބައެއް ނޫންކަމާއި، އަހަރެމެންނަކީ ބޮޑުސިންގާ ތާރީހަކާއި ފޮނި މާޒީއެއް އޮތް ބައެއްކަމާއި އެމާޒީގެ ބައެއް ވާހަކަތައް ބަލާ ކޮންމެމީހެއްގެ ހިޔާލަށްވެސް ފޯރުކޯށްދިނުމެވެ. އެގޮތުން ކޮންމެ ޕޯސްޓެއްވެސް ފެށުމަށް ގިނަ ދިރާސާތަކަކާއި، ފޮތްކިޔުމާއި، ލައިބްރަރީ ދަތުރުތަކާއި، ފޯންކޯލްތަކާއި، އިންޓަނެޓްގެ ކޮޅާކޮޅު ހޭވުމާއި، އެކިތަންތަނުން ފޮޓޯއާއި ވީޑިއޯއާއި އޯޑިއޯ އަދި އެހެނިހެން ތަކެތި ހޯދުން އޮވެއެވެ. އަދި އެއަށްފަހު ނިމޭނީ އެއްވެސް ވަރަކަށް މިއިން ކަމެއް ނުދަންނަ މީހަކަށްވެސް ބަލާލައި ކިޔާލުމުން އެވާހަކައިގެ އަސްލު ތަސައްވަރުކޮށްލެވޭގޮތަށް އެ ހުރިހާ އެއްޗެއް ލިޔުމުން އަތުރައިގެނެވެ.

ޑިޒައިން: ފެންނަން އޮންނަ ވާހަކަ

ލިޔުންގަނޑު ނިމުމުން، ފެންނަ ތަސްވީރުތައް ޑިޒައިން ކުރުމުގައި ބަލަންޖެހޭ ގިނަ ކަންކަން ހުރެެއެވެ. އެގޮތުން އެވާހަކަ ކިޔައިދޭ ފޮޓޯއާއި، ކުރެހުމާއި، ނޫސްކަރުދާހުގެ މަންޒަރުތަކާއި، ޅެމާއި، ކުރީގެ ލިޔުމާއި އަތުލިޔުމާއި އޯޑިއޯ އަދި މިނޫންވެސް އެތައް އެއްޗެއް ހޯދަން ޖެހެއެވެ. ބައެއް ޕޯސްޓުތައް އޮންނަންވީގޮތް ފަށާއިރުވެސް އިނގެއެވެ. އަނެއްބައިފަހަރު ކިތަންމެ އާޓްވޯކެއް ޑިޒައިންކޮށް އުކާލަންވެސް ޖެހެއެވެ. އެކި ވައްތަރުގެ ސްޓައިލްތަކާއި ބޮޑުއަކުރުން ލިޔުންތައް ރީތި ކުރުމާއި އެހެނިހެން އެއްޗެހި ޑިޒައިންގެ ތެރެއަށް ވެއްދުމުގެ ގިނަ ތަހުލީލުތަކެއް ކުރަންޖެހެއެވެ. ކޮންމެ ވާހަކައަކީ ވަކި ވައްތަރެއްގެ އެއާ ގުޅޭ ވަކި ސްޓައިލެއްގެ ވާހަކައެކެވެ.

މިސާލަކަށް މެޒޯ މުހައްމަދުގެ ވާހަކަ އޭނާގެ ލަވަަތައް ނީވޭ ގޮތަކަށް ކިޔައިދެވޭނެކަމަކަށް އަހަރެމެން ގަބޫލެއް ނުކުރަމެވެ. އަދި އޭނާގެ ކޮންމެ ލަވައެއް އެއް ސްޓައިލަކުން ދެއްކޭނެކަމަށް އަހަރެމެން ގަބޫލެއް ނުކުރަމެވެ. ތޭރިތަކެއްގެ ތެރޭ ތާށިވެފައި ހުރެގެން ”ވިސްނާ ވިސްނާ“ ކިޔާ މުހައްމަދާއި، ބޮޑުމާއްޔާ ބޮޑުމާލޫދު ނިމިދިޔަ ވާހަކަ ކިޔައިދޭ މުހައްމަދާއި، ކަނބުލޮ ހޯދަންއުޅެ ކަނޑުމަތިއެޅިވާހަކަ ކިޔައިދޭ މުހައްމަދާއި މޮޔަމީހާގެ ވާހަކަ އެކަނި ގިޓައެއް ހިފައިގެން އިނދެ ކިޔާދޭ މުހައްމަދަކީ އެއް ސްޓައިލެއްގެ އެކަކު ކަމަށް ދެއްކުމަކީ ރަނގަޅުގޮތްކަމަށް އަހަރެމެން ގަބޫލެއް ނުކުރަމެވެ. އެޕޯސްޓުގެ ކޮންމެ ސަފްހާއެއް ޑިޒައިން ކޮށްފައިވާނީ އެއިން ކޮންމެ ލަވައެއްގެ ތަފާތު ސިފަވާގޮތަށެވެ. އޭގެތެރެއަށް އެކި ފޮޓޯގްރާފަރުންގެ އަތުން ހޯދި ފޮޓޯތަކާއި، އަލްބަމް ކަވަރުތަކުގެ ޑިޒައިންތައް މަސްހުނިކުރެވިފައި ވާނެއެވެ. އެހެން ޕޯސްޓުތަކަށް ބަލާނަމަ މޮޓަރުބޯޓު ގަޑުބަޑު އަދި މައުމޫނާ ހަލީމްގެ ވާހަކަ ކިޔައިދޭން ޖެހުނީ ކުރީގެ ނޫސްމަޖައްލާތައް ސްކޭންކޮށް އޭގެ ކުރެހުންތައް ޑިޖިޓައިޒް ކުރާށެވެ. ބޭނުންނުކުރެވޭ ހާލަތުގައިހުރި ބައެއް ތަކެތިވެސް މަރާމާތުކޮށް އެއްކުރަމެވެ.

ފާހަގަވި ބައެއް ކަންކަން

ދާލުރާގައި ޝާއިއުކުރާ ކޮންމެ ޕޯސްޓަކަށް މީހުންގެ ފަރާތުން ލިބޭ ތަރުހީބުން މިވާހަކަތަކަށް އޮންނަ ޝައުގު ބޮޑުކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފާހަގަކުރެވުނެވެ. ވަކިން ހާއްސަކޮށް ޅަ ކުދިން މިވާހަކަތައް ޝެއާކޮށް މިވާހަކަތައް ދައްކާދެއްކުން ފާހަގަކޮށްލަން ބޭނުމެވެ. އަހަރެމެންގެ ބޭނުމަކީ ކޮންމެހެން ތާރީހު ދިރާސާކުރާ ބަޔަކަށް ވުމެއް ނޫނެވެ. އަދި ހާއްސަކޮށް އަމިއްލަ ވަކި ހިޔާލަކަށް ބަރޯސާވެ އެއްވެސް ކަމެއް ދެއްކުމެއް ނޫނެވެ. މިހުރިހާ ކަމެއްގައިވެސް ގިނަ ހިޔާލުތަކާ ގިނަ ނަޒަރުތައް އޮންނާނެއެވެ އަދި އާންމު ބަހުސަށް ނެރެވޭނެ ކިތަންމެ ކަމެއް އޮންނާނެއެވެ. އަހަރެމެންގެ ހަމައެކަނި ބޭނުމަކީ މި ތާރީހުތަކާއި ވާހަކަތަކުން ސާފުކޮށް ފެންނަން އޮތް ކަންކަން މީހުންގެ އަތްމައްޗަށް ތިލަކޮށްދިނުމެވެ. މިއިން ޕޯސްޓެއް ފެނި، މީހަކު އެކަމާ ވިސްނާ ފިކުރުކޮށްލައި، އެވާހަކަ ދައްކާލައި، އޭނާގެ ނަޒަރު އެކަމުގައި ހިންގާލާނެ މައުލޫމާތުކޮޅެއް އޭނައާޢި ހަމައަށް ފޯރުކޮށްދިނުމެވެ. އެކަން އެއްވެސް މިންވަރެއްގައި ވެއްޖެނަމަ މިމަސައްކަތުގެ ބޭނުން ފުދުނީއެވެ.

ޖެހިގެން އިން މަޝްރޫޢު

ކުރިއަށް

Fainu: Telling Stories of Happiness Through Design
ފައިނު: އުފާވެރިކަމުގެ ވާހަކަ ބްރޭންޑެއްގެ ސިފައިގައި ކިޔައިދިނުން

Checkout

Dhaalu Raa - Telling Dhivehi stories

MVR

BML

Account Name:

Account No: